twitterviber whatsapp telegramfacebookyoutube instagram
27th April 2024

މިލަންދޫ ބަލިކޮށް މާޅޮހަށް އުންމީދީ ފެށުމެއް

Jul 7, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު މިލަންދޫ އަތުން 2-0 އިން މޮޅުވެ މާޅޮހުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ވާދަވެރި މިމެޗުގައި ބައްދަލުކުރީ ށ މިލަންދޫގެ ޓީމާއި އއ މާޅޮހުގެ ޓީމެވެ. މި ނަތީޖާއާއެކު މާޅޮސް ވަނީ ގުރޫޕްގެ އެއްވަނަ ޖެހިލާފަ އެވެ.

މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ މާޅޮހުންނެވެ. މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް މާޅޮހުގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާއެއް އަމާޒުވީ މިލަންދޫ ގޯލްގެ ކަނާތު ދަނޑިއަށެވެ..

މާޅޮހުން ލީޑުނެގީ މެޗުގެ 17 ވަނަ މިނިޓްގައި އެޓީމްގެ ކެޕްޓަން އަހުމަދު ލަތީފްގެ ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ގޯލްގެ ވާތުކަނަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފްގައި ބޯޅަ ގިނަ ވަގުތު ގެންގުޅި ހަމަލާތައް އުއްފެދީ މާޅޮހުންނެވެ. މާޅޮހަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުންކަމުގައި ވިޔަސް ގޯލަށް އަމާޒްކުރި ގިނަ ހަމަލާތައް ސީދާ ނުވެ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފްގައި މިލަންދޫއިން ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފަ އެވެ. ނަމަވެސް މާޅޮހުގެ ކީޕަރުގެ ހުށިޔާރުކަމުން ހަމަލާތައް ވަނީ ދިފާއުކޮށްފަ އެވެ. ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނީ މިލަންދޫއިންނެވެ. މިލަންދޫ ޓީމަށް ލަނޑު ޖަހާނެ ހުސް ދެ ފުރުސަތު ލިބި ބޭނުންނުކުރެވި ވަނީ ގެއްލިފަ އެވެ.

މާޅޮހުގެ ދެވަނަ ގޯލް ޖަހާދިނީ ދެވަނަ ހާފްގެ 68 ވަނަ މިނިޓްގެ ތެރޭގައި އަހުމަދު އަމުޖަދުގެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގުރޫޕްގެ ދެން މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި މާޅޮހުގެ ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355