twitterviber whatsapp telegramfacebookyoutube instagram
24th May 2025

ޔޫތް ލީޑަރޝިޕް ޕްރޮގުރާމް މީ ސަޅި ކަމެއް

Jul 11, 2017

ހދ އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫއެންޑީޕީ އާއި ދިރާގާ ގުޅިގެން ކުރިއަށް ގެންދާ ޔޫތް ލީޑަރޝިޕް ޕްރޮގުރާމްގެ މިއީ 3 ވަނަ ދުވަހެވެ.

މިމަހު 9 ވަނަ ދުވަހުން ފެށިގެން ހދ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ޕްރޮގުރާމްގައި ކުޅުދުއްފުށީގެ 9 ޒުވާނަކާއި ނައިވާދޫގެ ޒުވާނަކާއި އަދި ނޮޅިވަރަންފަރުގެ ޒުވާނެއްގެ އިތުރުން ނެއްލައިދޫ އިން 2 ޒުވާނުން ބައިވެރިވެފައި އެވެ.

ޕްރޮގުރާމްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ނެއްލައިދޫއަށް އުފަން މުހައްމަދު އަލީޕް ބުނިގޮތުގައި މި ފްރޮގުރާމް އަކީ ބައިވެރިވާން ވަރަށް ސަޅި ޕްރޮގުރާމެއް ކަމަށެވެ. އަދި ބައެއް މީހުން ރިސޯޓު ދާއިރާގައި ވަޒީފާ އަދާ ކުރަން ބޭނުންވި ނަމަވެސް ރަށް ތަރައްގީ ކުރަން ބަޔަކު ތިބެއްޖެހޭ ކަމަށެވެ.

” މި ހަމަ ވަރަށް ސަޅި ކަމެއް، މިހާރު ގިނަ މީހުނަކީ ރިސޯޓު ދާއިރާއަށްދާ ބައެއް ވިޔަސް ރަށްރަށް ތަރައްގީ ކުރަން ބަޔަކު ތިބެންޖެހޭ.” އަލީފް ބުންޏެވެ.

ޕޮލިޓިކަލް ދާއިރާއިން ކުރިއަށް ދާންބޭނުންވާ އަލީޕް ބުނިގޮތުގައި މީހުންތެރޭގައި އަނގަމަޑުން ލައިގެން ތިބެގެން މިހާރު ކަމެއް ހައްލެއް ނުވާނެ ކަމަށެވެ. އަދި މި ޕްރޮގުރާމުން ކަންކަމުގައި ލީޑަރޝިޕް ނަގައިގެން މަސައްކަތް ކުރާނެ ގޮތްތަކާއި ރަށަށް ތަރައްގީ ހޯދައިދީނުމަށް މަސައްކަތް ކުރަން ބޭނުންވާ ބަޔަކަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ހދ.ނައިވާދޫ ކުއްޖެއް ކަމަށްވާ އަގީލް މުހައްމަދު ވާހަކަ ދައްކަމުން ބުނިގޮތުގައި ކިޔަވާ ނިމިގެން ރަށުގަ ތިބުމުގެ ބަދަލުގައި މިކަހަލަ ޕްރޮގުރާމެއްގައި ބައިވެރިވެގެން ވަރަށް ގިނަ އެއްޗެހި އެނގިގެންދާ ކަމަށެވެ. އެގޮތުން ފަސްޓް އެއިޑް، ސިޔާސީ ކަންކަމާއި ކޮރަޕްޝަނާއި ކޮރަޕްސަން ހުއްޓުވޭނެ ގޮތްތަށް އެނގިގެންދާ ކަމަށް އަގީލް ކިޔައިދިނެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޔޫތް ޑިވެލޮޕްމެންޓް ޕްރޮގުރާމްގެ ބައިވެރިންތަކެއް–ފޮޓޯ: ނަސްވާ ހަސަން

ދެން ވާހަކަ ދައްކާލީ ނޮޅިވަރަންފަރުގެ އުމުރުން 19 އަހަރުގެ މުހައްމަދު އާދިލް އެވެ. އާދިލް ބުނިގޮތުގައި މިކަހަލަ ތަނަކަށް އައުމުން ނޭނގޭ ވަރަށް ގިނަ ކަންތަށް އިނގިގެންދާ ކަމަށެެވެ. އެގޮތުން ގައުމުގައި ހުންނަ ކަންކަމުގައި ފަރުދީ ޒިންމާއެއްވާ ކަމާއި އެކަންކަން ގެންދާނެ ގޮތްތައް ކިޔައިދޭ ކަމަށެވެ. އަދި މިއީ އެހެން ރަށަކަށް އައިސް ބައިވެރިވާ ވަރުގެ ރަނގަޅު މައުލޫމާތު ލިބިގެންދާ ޕްރޮފުރާމެއް ކަމަށް އާދިލް ބުންޏެވެ.

“މިކަހަލަ ތާކަށް އައިމަ އިނގެނީ އަސްލު ގައުމުގައި މި ހުންނަ ކަންކަމުގައި އަމިއްލަ ފަރުދީ ޒިންމާއެއްވާކަމާއި އެކަންތައް ކުރިއަށް ގެންދާނެ ގޮތް ވަރަށް ރަނގަޅަށް އިނގޭ މި ޕްރޮގުރާމުން.” އާދިލް ބުންޏެވެ.

ކުޅުދުއްފުށީ ޒުވާނެއްގެ ހިޔާލުވެސް އަހާލީމެވެ. މިހާރު ގުރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ އައިމިނަތު އަޒީމާ ބުނިގޮތުގައި މި ޕްރޮގުރާމްގެ ފުރަތަމަ ދުވަހު ދިޔައީ ޕިކްނިކެއް ކަމަށެވެ. މިސާލަކަށް ފަޅުރަށެއް ކަހަލަ ތަނެއްގައި އެކަނި އުޅެންޖެހުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ދިރިހުރުމަށް ކުރެވޭނެ ކަންތައް ޕިކްނިކުން އިނގިގެން ދިޔަކަމަށެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޔޫތް ޑިވެލޮޕްމެންޓް ޕްރޮގުރާމްގެ ބައިވެރިންތަކެއް–ފޮޓޯ: ނަސްވާ ހަސަން

އޭގެ އިތުރުންވެސް މިހާތަނަށް ކުރިއަށް ގެންދިޔަ ޝެޝަން ތަކުންވެސް ކުރިން ނޭނގޭ ވަރަށް ގިނަ ކަންތަން އެނގިގެން ދިޔަކަމަށެވެ. އޭގެ ތެރޭގައި ޕޮލިޓިކްސް، ކޮރަޕްޝަން، އެއިޑްސްގެ އިތުރުން ފަސްޓްއެއިޑްސް ހިމެނެއެވެ. އަދި ގިނައިން މިކަހަލަ ޕްރޮގުރާމްތައް ހިންގާ މިކަހަލަ ކަންތަކަށް މީހުން އިތުރަށް ހޭލުންތެރިކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އަޒީމާ ބުނެފައި ވެއެވެ.

މިމަހު 9 ން 14 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމްގައި 16 އަހަރާއި 25 އަހަރާއި ދެމެދުގެ 13 ޒުވާނުން ބައިވެރިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355