މޯލްޑިވްސް މަނިޓަރި އޮތޯރިޓީން އަލަށް ޖަހައިގެން ގެނައި ދެރުފިޔާގެ އާ ދަގަނޑު ފައިސާ ފޮތި ތައާރަފުކޮށް މިއަދު ބާޒާރަށް ނެރެފި އެވެ.
މަރުކަޒީ ބޭންކުގައި ބޭއްވި ހަފުލާއެއްގައި އެ ފައިސާފޮތި ނެރެދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.
މި ފައިސާ ފޮތިތަށް ހުރީ ބޭރުގައި ނިކަލް ބްރާސް އަދި ޕްލޭޓެޑް ސްޓީލް އިން އެތެރެ ތައްޔާރުކޮށްފައި އެވެ. ފައިސާފޮތީގެ ކައިރި ފަށް އޮމާންކޮށް ތައްޔާރުކޮށްފައި ހުރިއިރު ނިޝާނެއްގެ ގޮތުން ބޭނުންކޮށްފައި ވަނީ ކުރީގެ ދެ ރުފިޔާގައި ވެސް ހުންނަ ސަންގު ބޮއްޔެވެ. އޭގެ އިތުރުން މި ފައިސާފޮތީގެ ޑައިމީޓަރުގައި 25.50 މިލިމީޓަރ އަދި ބަރުދަނުގައި ހުންނަނީ 6.20 ގްރާމެވެ.
މިހާރު ބޭނުންކުރަމުން އަންނަ ދެ ރުފިޔާގެ ފައިސަފޮތީގެ ބަރުދަނުގައި ހުންނަނީ 11 ގްރާމެވެ.
އަލަށް ނެރުނު ދެ ރުފިޔާގެ ފައިސާފޮތި ޑިޒައިންކުރީ އެމްއެމްއޭ އިންނެވެ.
މިއަދުން ފެށިގެން މި އާ ފައިސާފޮތިން ވިޔަފާރިކުރެވޭއިރު މިހާރު ބޭނުން ކުރަމުން އަންނަ ފައިސާފޮތި ބޭނުން ކުރެވޭނެ ވަކި މުއްދަތެއް ހާމަކޮށްފައި ނުވެއެވެ.