ކުޅުދުއްފުށީ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަވާލުވި އިންޑިޔާގެ ނޫރުއިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( އެންއައިއައި) އަށް ދެ ފަޅުރަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެކުންފުނި އިން ދޮގުކޮށްފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒައިލް ޚާންއާ ހަވާލާދީ އިންޑިއާގައި ނެރޭ “ދި އިކޮނޮމިކް ޓައިމްސް” ގައި ބުނެފައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ދާއިރާ އިން ތައުލީމް ދެވޭނެ ވަސީލަތްތައް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އެ ކަމަށްޓަކައި ރާއްޖެ އިން ދެ ރަށެއް ސަރުކާރުން 50 އަހަރަށް އެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެ ވާހަކަތައް ދޮގުކުރައްވައި ކޭއޯއަށް ދެއްވި އިންޓަވިއުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަރޭޝަނަލްގެ ޑިރެކްޓަރ އަލީ އުސައިދު ވިދާޅުވި އެންއައިއައިއަށް ދެ ފަޅުރަށް ދިންކަމަށް ބުނެ ފަތުރާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތަކެއް ކަމަށެވެ.
“އެއީ ކަނޑައެޅިގެން ހަމަ ހަގީގަތާއި ހިލާފު ވާހަކަތަކެއް. އަޅުގަނޑުމެންނާއި ސަރުކާރާ ވެފައިވާ އެއްވެސް ކޮންޓްރެކްޓެއްގައި އެއްވެސް ހާލަތެއްގައި ފަޅު ރަށެއް ދޭ ގޮތަކަށް އެއްބަސްވެވިފައެއްވެސް ނޯނާނެ. އަދި ސަރުކާރުން ދެއްވާފައެއްވެސް ނޯނާނެ” އުސައިދު ވިދާޅުވި އެވެ.
އުސައިދު ވިދާޅުވީ އެފަރާތުން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވީ ވަރަށް ބޮޑަށް ހުޅުވާލެވިގެން ވަރަށް ހާމަކަން ބޮޑުކޮށް، މީޑިއާގެ ކުރިމަތީގައި އެއްބަސްވުމުގައި ސޮއެކޮށް ހުރިހާކަމެއް ނިމި އަދި ޓައިމްލައިންތަކެއްވެސް ޝެއާކުރެވިގެން ކުރިއަށްދާ މަޝްރޫއުއެއް ކަމަށެވެ. ބޮޑުތިލަދުންމަތީގެ ސިއްހީ ހިދުމަތް ތަރައްގީކުރަން މިހާ ބޮޑު މަޝްރޫއުއެއް ކުރިއަށްގެންދާއިރު ހަގީގަތާއި ހިލާފު މިފަދަ ވާހަކަތައް ނޫސްތަކުގައި ޝާއިރުކުރުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް އުސައިދު ވިދާޅުވި އެވެ.
ބޭރުގެ ވެބްސައިޓެއްގައި ޝާއިރުކޮށްފައިވާ އެފަދަ ޚަބަރެއް އެންއައިއައިގެ ބަހެއް ނުހޯދައި ރާއްޖޭގެ ނޫސްތަކުގައި ޖެހުމަކީ ހިތާމަކުރާކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. އުސައިދު ވިދާޅުވީ އެފަދަ ޚަބަރުތަކުން ރައްޔިތުންނަށް ދެވެނީ ވަރަށް “އެހެން ކަހަލަ މެސެޖެއް” ކަމަށެވެ.
އުސައިދު ވިދާޅުވީ ސަރުކާރުން އެކުންފުންޏަށް އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރަން ރަށެއް ދީފައެއް ނޯނާނެކަމަށާއި އެއީ މުޅިން ހަގީގަތާއި ހިލާފަށް ފަތުރަމުންދާ ޚަބަރެއް ކަމަށެވެ.
” އަޅުގަނޑު އިލްތިމާސްކުރަން ޚަބަރު އެގޮތަށް ފަތުރުއްވައި ފަރާތްތަކުންވެސް، ޚަބަރެއް ޝާއިރުކުރައްވައި އިރު އަޅުގަނޑުމެންގެ ފަރާތުންވެސް އެއާގުޅޭ ގޮތުން ބަހެއް ހޯދައްވާލައްވާފައި އޭގެ ހަގީގަތާއި އެގޮތަށް ރައްޔިތުންނާ ހަމައަށް ޚަބަރުތައް ގެނެސް ދެއްވުން” އުސައިދު ވިދާޅުވި އެވެ.