twitterviber whatsapp telegramfacebookyoutube instagram
26th April 2024

ތުރާކުނު ފަޅަށް ވަތް ކަންނެލި އައިނެއް ހިފައި، ހުރިހާ ރައްޔިތުންނަށް ބަހައިފި

Jul 20, 2017

ހއ ތުރާކުނު ބަނދަރަށް ވަތް ކަންނެލި އައިނެއް ހިފައި، ހުރިހާ ރައްޔިތުންނަށް ބަހައިފި އެވެ. އިއްޔެ މެންދުރު ވަތް މި ކަންނެލި އައިން ހިފުމަށް ރަށުގެ ހުރިހާ ރައްޔިތުންނެއް ވަނީ ހަރަކާތްތެރިވެފަ އެވެ.

ކަންނެލި އައިން ހިފިގޮތް ކޭއޯއަށް ކިޔާދެމުން އެރަށު ކައުންސިލްގެ ރައީސް އަލީ އަބުދުލް ލަތީފް ވިދާޅުވީ މަސް އައިން ވަނީ އިއްޔެ މެންދުރު 11:30 ހާއިރު ކަމަށާއި މަސް ހިފުމަށް ރައްޔިތުން ނިކުތީ މެންދުރު ނަމާދަށް ފަހު ކަމަށެވެ. ކަންނެލި އައިން ހިފުމަށް ބޭނުންކޮށްފައިވަނީ ކުރީ ޒަމާނުގައި މަސް އައިންތައް ހިފުމަށް ގެންގުޅޭ ” ރޯން ބައިން” އެވެ.

ތުރާކުނަށް ވަތް ކަންނެލި އައިން ހިފުމުގައި ހަރަކާތްތެރިވަނީ–ފޮޓޯ: ތުރާކުނު

” އަޅުގަނޑުމެން ފުރަތަމަ ނެރު ފަން ޖަހައިގެން ބަންދުކޮށްލީ. އެއަށް ފަހު ދާ ޖަހައިގެން ބަނދަރުގެ ކަންނަކަށް ގެނެސް ދާވަނި އަޅުވައިގެން ނެގީ ” ކައުންސިލް ރައީސް އަލީ ވިދާޅުވި އެވެ.

ބަނދަރަށް ވަތް ކަންނެލި އައިން އެއްކޮށް ހިފާލެވުނުއިރު އެއައިނުގައި 50 ކަންނެލި ހިމެނެ އެވެ. މިއިން ކޮންމެ ކަންނެއްޔެއްގައި 7 ކިލޯ އާއި 8 ކިލޯ ވަރު ހުރި އެވެ.

ތުރާކުނަށް ވަތް ކަންނެލި އައިން ހިފުމުގައި ހަރަކާތްތެރިވަނީ–ފޮޓޯ: ތުރާކުނު

އަލީ ވިދާޅުވީ މަސްތައް އެއްވަރަށް ރަށުގެ ހުރިހާ ގޭބިސީތަކަކަށް ބަލާލީ ކަމަށެވެ. މިކަމުގައި ރަށުގައި ދިރިއުޅޭ ބިދޭސީންވެސް އިސްތިސްނާ ކުރުމެއް ނެތި އެމީހުންނަށްވެސް އެއްވަރަށް މަސް ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެން ކުރިންވެސް ރެހި ފަދަ ކުދި މަސް އައިން ވަތް ނަމަވެސް މިއީ ފަހުގެ ތާރީހެއްގެ ކަންނެލި އައިނެއް ވަތް ފަހަރެކެވެ.

ތުރާކުނު ބަނދަރަށް އިއްޔެ ވަތް ކަންނެލި އައިނެއް ހިފައިފަ–ފޮޓޯ: ތުރާކުނު

މީހުން ދިރިއުޅޭ 80 ގޭބިސީ ތުރާކުނުގައި ހުރިއިރު އެރަށަކީ ލޯކަލް ޓޫރިޒަމަށް ފައްކާވަމުން އަންނަ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355