twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި އަލަށް ހަދާ ބަނދަރުގެ އަމަލީ މަސައްކަތް ފެބުރުއަރީމަހު ފަށަނީ

Jul 22, 2017

އޭޑީބީގެ ހިލޭ އެހީގެ ދަށުން ކުޅުދުއްފުށީގައި އަލަށް ހަދަން ހަމަޖެހިފައިވާ ބަނދަރުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީމަހު ފަށާނެކަމަށް ހައުންސިންގ މިނިސްޓްރީން ބުނެފި އެވެ.

ކުޅުދުއްފުށީގައި ހިއްކި ސަރަހައްދުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ބަނދަރާ ބެހޭގޮތުން ރޭ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ހައުންސިންގ މިނިސްޓްރީގެ ބޭކަނބަލެއްކަމަށްވާ ޝާނާ ފާރޫޤް ވިދާޅުވީ އެންމެ ލަސްވެގެން އަންނަ ފެބްރުއަރީމަހު ކޮންސްޓްރަކްޝަން މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެމަސައްކަތް ނިންމާލުމަށް 18 މަސް ހޭދަވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހޯލް ތޮރުފުމުގެ މަސައްކަތް އޯގަސްޓްމަހު ފެށިގެންދާނެ ކަމަށާއި ބޯހޯލް ތޮރުފަން ހަމަޖެހިފައިވާ 10 ސަރަހައްދުވެސް ކަނޑައަޅައިފައިވާ ކަމަށެވެ.

ބަނދަރު މިހާރު ހަދަން ހަމަޖެހިފައިވާ ވަރަށްވުރެ ބޮޑުކޮށް، ފުންކޮށް ދިނުމަށް ރައްޔިތުންވަނީ އެދިފަ އެވެ.

ބަނދަރު ނިމޭއިރު ރެކްރިއޭޝަން އޭރިޔާއަކާއި ފެރީ ޓާމިނަލަކާއި މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓަކާއި އައިސް ޕްލާންޓެއްގެ އިތުރުން އޮފީސް އިމާރާތަކާއި ފިހާރަތަކެއް ގާއިމްކުރެވިގެންދާނެ އެވެ.

މިބަނދަރު ޒަމާނީ ފެންވަރަކަށް ހެދުމަށް އޭޑީބީ އިން 9.6 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ ނިންމަފަ އެވެ.

ކުޅުދުއްފުށީ ހިއްކި ބިމުގައި ހެދުމަށް ހަމަޖެހިފައިވާ މި ބަނދަރު މަޝްރޫއު އެއްކޮށް ނިމުމުން ދުވާލަކު 250 ބޯޓަށް އެ ބަނދަރުން ހިދުމަތް ދެވޭނެކަމަށް އޭޑީބީއިން އާ ހަވާލާދީ މީގެ ކުރިން ފައިނޭންޝަލް ޓައިމްސްގައި ބުނެފައި އެވެ.

އެގޮތުން އެ ބަނދަރު ތަރައްގީކޮށް މިހާރަށް ވުރެ ބޮޑެތި ކާގޯ އުފުލާ އުޅަނދުތަކަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިގު ދަތުރުތައް ކުރާ ބޯޓުތަކަށާއި ޕެސެންޖަރުންނަށް ބޭނުންވާނެ އެންމެހާ ޒަމާނީ ހިދުމަތްތައް އެ ބަނދަރުން ލިބެން ހުންނާނެ ކަމަށްވެސް އޭޑީބީއިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355