twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދެ ރަށް ދީގެން ވިޔަސް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުން މުހިންމު: ކުޅުދުއްފުށީ ކައުންސިލްގެ ރައީސް

Jul 24, 2017

ދެ ފަޅު ރަށްދީގެން ވިޔަސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ތަރައްގީކޮށް އާ ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ބަދަލުކުރުން މުހިންމުކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

އަބުދުލް ލަތީފް މިހެން ވިދާޅުވެފައިމިވަނީ ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިޔާގެ ނޫރުލް އިސްލާމިކް އިންޓަނޭޝަނަލް ކުންފުންޏަށް ދެ ފަޅުރަށް ދިންކަމަށް ބުނެ އިންޑިޔާގެ ނޫހަކުން ރިޕޯޓްކޮށްފައިވަނިކޮންނެވެ. ނަމަވެސް އެކަން ވަގުތުން ވަނީ އެކުންފުނިން ދޮގުކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް މާބޮޑު ފައިދާތަކެއް ނުވާ އެތަށް މަޝްރޫއުއެއް ހިންގުމަށް ފަޅުރަށްތައް މީގެ ކުރީގެ ސަރުކާރުތަކުން ކުންފުނިތަކަށް ދީފައިވާ ކަމަށެވެ. ފަޅު ރަށްތައް ހުރެގެން ހދ އަތޮޅަށްވީ ފައިދާއެއް ލިބުނު ތަރައްގީއެއް ނެތް ކަމަށެވެ.

އެހެންކަމަށްވާއިރު ރައްޔިތުންނާ ގުޅުން ހުރި މިފަދަ މުހިއްމު ކަމެއް ތަރައްގީކުރަން ފަޅު ރަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށް ލަތީފް ވިދާޅުވި އެވެ. އަބުދުލް ލަތީފް ވިދާޅުވީ ރަށުގެ ތަރައްގީއަށް އަންނަ އެއްވެސް ކަމެއް ނުހުއްޓުވާނެކަމަށާއި އެފަދަ ހުރިހާ މަޝްރޫއުތަކަށް ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރަން ހަވާލުވެފައިވާ އެންއައިއައިއަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ކުރިން އެފަރާތުން އެދިފައިވާގޮތަށް މެޑިކަލް ކޮލެޖެއް އެޅުމަށް ބިން ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަންކަން ހަމަޖެހިގެންދާނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް އަންނަ ތަރައްގީއަށް ބަލާފަކަމަށް އޭނާ ވިދާޅުވި އެވެ.

” ބައިވަރު ރަށްރަށުގައި ހުސްބިންތައް އެބަހުރި. އެތަންތަން އެހެން ހުރެގެން ވަނީ ކޮން ފައިދާއެއް. ހުސްބިން ހުރެގެން ތަރައްގީއެއް ނާންނާނެ. ތަރައްގީ އަންނާނީ އެބިންތައް އެފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމަށްދީ، އެތަންތަނުން ވަޒީފާތައް އުފެދިގެން ” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ކުޅުދުއްފުށިން ބޭރުގެ ކުންފުނިތަކަށް ބިން ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން އުރީދޫ އާއި ބޭރުގެ ކުންފުންޏެއްގެ ހިއްސާ އޮންނަ ދިރާގު ފަދަ ކުންފުނިތައް ލަތީފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެންއައިއައި އިން އާންމުކޮށްފައިވާ ޓައިމްލައިންއާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރަމުންދޭތޯ ކައުންސިލުން ބަލަމުންދާނެކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އެންމެ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355