twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރޯހައުސްތައް ހަވާލުނުކުރެވި ލަސްވަމުންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

Jul 24, 2017

ކުޅުދުއްފުށީ އިމާރާތްކޮށް ނިމިފައިވާ ހުރި ރޯހައުސްތައް، އޭގެ ހައްގުވެރިންނަށް ހަވާލުނުކުރެވި ލަސްވަމުންދާތީ ކުޅުދުއްފުށީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކަނބޯރަނި ހިޔާގައި އިމާރާތްކޮށްފައިވާ 20 ރޯހައުސް އާއި މާފަލު ހިޔާގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްގެ މަސައްކަތް ނިމި އެތަންތަނުގެ ގުރުއަތުލުންވެސް މިހާރު ވަނީ ބާއްވާފައި އެވެ. ކަބޯރަނި ހިޔާގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކުގެ ތެރެއިން 2 ރޯހައުސްގައި މާފިލާފުށިން ކުޅުދުއްފުއްޓަށް ހިޖްރަކޮށްފައިވާ ދެ އާއިލާއަކުން މިހާރުވެސް އަންނަނީ ދިރިއުޅެމުންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ރޯހައުސްތައް ހަވާލުނުކުރެވި ލަސްވަމުންދާތީ ގިނަ ރައްޔިތުންތަކެއްގެ ފަރާތުން ކައުންސިލަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެކަމަކީ ކައުންސިލްގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ކަނބޯރަނި ހިޔާގައި މާފިލާފުށި ދެ އާއިލާއަކުން ދިރިއުޅެމުންދާކަން ފާހަގަކުރަމުން އަބުދުލް ލަތީފް ވިދާޅުވީ އެ ދެ އާއިލާއަށް އެތަނުގައި އުޅެވޭއިރު އެތަން ލިބިފައިވާ އެހެން ރައްޔިތުންނަށް އެ ރޯހައުސްތައް ހަވާލުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ކަނބޯރަނި ހިޔާ ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުން މަހަކު 32000 ރުފިޔާ ހަރަދުކުރަމުންދާއިރު އެތަންތަން އޭގެ ހައްގުވެރިންނާ ހަވާލުނުކޮށް ލަސްވާލަސްވުމަށް ކަންބޮޑުވެލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބުދުލް ލަތީފް ވިދާޅުވީ ރޯހައުސްތައް އަވަހަށް ހަވާލުކޮށްދެއްވުމަށް ހައުންސިންގ މިނިސްޓްރީގައި ސިޓީއަކުންވެސް އެދިފައިވާނެކަމަށާއި އެކަމަކު މިއަދާ ހަމައަށްވެސް އެސިޓީގެ ޖަވާބު ކައުންސިލަށް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355