twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކައުންސިލްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ހަމަޖައްސައިފި

Jul 26, 2017

ކައުންސިލްތަކަށް ބިން މިލްކު ކުރެވޭގޮތަށް ހަމަޖައްސައި އެ ގަވައިދަށް އަމަލު ކުރަން ފަށައިފި އެވެ.

އިއްޔެ އެ ގަވައިދަށް އަމަލު ކުރަން ފަށާފައިވާއިރު އާ ގަވާއިދު ބުނާގޮތުން ރައްޔިތުންނަށް ހިންގާ އިގްތިސާދީ ނުވަތަ އިޖްތިމާއީ މަޝްރޫއުތަކަށްޓަކައި ކައުންސިލަކަށް ބިމެއް މިލްކުކޮށް ދެވިދާނެ އެވެ.

އެގޮތަށް ބިމެއް މިލްކުކޮށް ދެވޭނީ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އަދި ދެ ފަރާތުގެ ދެމެދުގައި ހެދޭ އެއްބަސްވުމުންގެ ދަށުން ކަމަށް އާ ގަވާއިދުގައިވެ އެވެ. އެގޮތަށް ބިމެއް މިލްކުކޮށް ދީފި ނަމަ އެ ބިމެއް އެ ކައުންސިލެއްގެ ނަމުގައި ހައުސިން މިނިސްޓްރީން ރަޖިސްޓަރީ ކޮށްދޭން އެ ގަވާއިދު ލާޒިމް ކުރެ އެވެ.

އެހެންނަމަވެސް އެގޮތަށް މިލްކު ކޮށްދީފައިވާ ބިމެއް ވެސް ވަކި ހާލަތްތަކެއްގައި ސަރުކާރަށް ނެގުމުގެ ބާރު ގަވާއިދުގެ ދަށުން ހައުސިން މިނިސްޓްރީ އަށް ލިބެ އެވެ. އިގްތިސާދީ ނުވަތަ އިޖުތިމާއީ ބޭނުމަކަށް މިލްކުކޮށް ދީފައިވާ ބިމެއް ސަރުކާރަށް ނަގާ ނަމަ އެތަނެއްގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަލައި އަދުލުވެރި ބަދަލެއް ދޭނަ އާ ގަވައިދު ސަރުކާރަށް ލާޒިމް ކުރެ އެވެ.

އަދި އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ނުވަތަ ލޭންޑް ޔޫސް ޕްލޭނާ ހިލާފުވުން ނުވަތަ ގާނޫނުތަކާއި ހިލާފުވެއްޖެ ނަމަ ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ ކަމަކަށް ނުވަތަ ގައުމީ ސަލާމަތުގެ ބޭނުމަކަށް އެ ބިން އަނބުރާ ނެގުމަށް ސަރުކާރުން ނިންމައިފި ނަމަ އެފަދަ ބިމެއް ވެސް ސަރުކާރަށް އަނބުރާ ނެގިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.

މިލްކުކޮށް ދިނުން ނުހިމެނޭ ގޮތަށް ކައުންސިލްތަކަށް ބިން ދޫކުރެވޭނީ ހަމައެކަނި ހިންގައި ބެލެހެއްޓުމަށެވެ. ވަކި ޝަރުތުތަކެއްގެ ދަށުން ބެލެހެއްޓުމަށް ކައުންސިލްތަކާ ހަވާލުކުރެވޭ ބިންތަކުގެ އެއްބަސްވުމާ ކައުންސިލުން ހިލާފުވެއްޖެ ނަމަ ނުވަތަ އެ ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވެއްޖެ ނަމަ އެ ބިމެއް އަތުލެވޭނެ އެވެ.

އެ އުސޫލުން ބެލެހެއްޓުމަށް ހަވާލުކުރެވޭ ބިމެއް ތިން ވަނަ ފަރާތަކަށް ދެވޭނީ ވަކި ބޭނުންތަކަށްޓަކައި ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. ބިމެއް ސަރުކާރަށް ނަގާއިރު އެ ބިމުގައި ތިން ވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ އެކަމުގެ ބަދަލު ދޭން ވެސް އެ ގަވާއިދު ލާޒިމް ކުރެ އެވެ.

ކުރިން އޮންނަ ގަވާއިދުގައި ކައުންސިލްތަކަށް ބިން މިލްކުކޮށްދެވޭ ގޮތަކަށް ނޯވެ އެވެ. އެ ގަވާއިދުގައި އޮންނަނީ ހިންގައި، ބެލެހެއްޓުމަށް ހަވާލުކުރާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355