twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޔޫ.އެން.ޑީ.ޕީގެ “މިޔަހެލި” އުތުރުގެ 4 އަތޮޅަށް ހުޅުވާލައިގެން ބާއްވަނީ

Jul 30, 2017

ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން ދެވަނަ ސޯޝަލް އިނޮވޭޝަން ކޭމްޕް “މިއަހެލި 2017” އުތުރުގެ 4 އަތޮޅަކަށް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މިއަހަރު މިޕުރޮގުރާމް ބާއްވަން ހަމަޖެހިފައި ވަނީ ހއ، ހދ، ށ އަދި ނ އަތޮޅުގައި އެވެ.

މިއީ ޔޫ.އެން.ޑީ.ޕީއިން އުރީދޫއާ ޕާޓްނަރ ވެގެން ބާއްވާ ދެވަނަ ސޯޝަލް އިނޮވޭޝަން ކޭމްޕްއެވެ. ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށް ވެފައި ޒުވާނުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޒުވާނުންގެ ޝުއޫރުތައް ފާޅުކުރަން ލިބޭ ފުރުސަތު މަދުވުމެވެ.

އަދި މި ކޭމްޕް އަކީ ޒުވާނުންގެ ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ކޭމްޕް އެއް ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ. އޭގެ އިތުރުން މިދިޔަ އަހަރު މި ކޭމްޕް ބާއްވާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށާއި މި ކޭޕުގައި ވަރަށް ގިނަ ކްރްރިއޭޓިވް އައިޑިޔާ ލިބި، ކޭމްޕް ވަރަށް ކާމިޔާބު ކޭމްޕް އަކަށް ވީ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

ޔޫއެންޑީޕީން މައުލޫމާތުދޭ ގޮތުގައި މި ކޭމްޕަކީ އުތުރު ހަތަރު އަތޮޅުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ޒުވާނުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. އަދި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރަތްތަކެއް ކޭމްޕް ބާއްވާ ލޮކޭޝަނަށް ގެނައުމުގެ ހުރިހާ އިންތިޒާމެއް އެފަރާތުން ހަމަޖައްސައި ދޭނެ ކަމަށެވެ.

އަަދި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ މަހުގެ ހަފްތާ ބަންދު ދެދުވަހު ކަމަށެވެ. އެގޮތުން އެ ދެދުވަހު ކޭމްޕްގެ ބައިވެރިން އެއް ޖާގައަކަށް ގެންގޮސް އެ ބޭފުޅުންގެ އައިޑިއާތަކަށް ބޭނުންވާ ހުރިހާ އެހީއެއް ފޯރުކޮއްދީ ހަގީގަތަކަށް ހެދުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ޔޫއެންޑީޕީ އިން މައުލޫމާތު ދޭ ގޮތުގައި ޖޫން 22 އިން ފެށިގެން އޯގަސްޓް 19 ވަނަ ދުވަހާއި ހަމައަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ކޭމްޕުގައި ބައިވެރި ވުމަށް 2 ފުރުސަތެއް ހުޅުވާލެވޭނެ ކަމަށެވެ. އަދި ހިޔާލުތަކަށް ހުށެޅުމަށް ކަނޑައެޅިފައި ވަނީ މައިގަނޑު 4 ދާއިރާއެއްގެ ދަށުން ކަމަށެވެ.

– ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުން

– ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުން

– ޖިންސީ އަދި މިންތީގެ އަނިޔާ ލިބޭ ފަރާތްތަކަށް އެހީ ފޯރުކޮއްދިނުން

– ޒުވާނުންގެ ހަރަކާތްތައް ނުވަތަ ޔޫތް މޫވްމަންޓްސް ބިނާކުރުން

މީގެ އިތުރުން އަމިއްލަ ހިޔާލެއް ނެތްކަމުގައި ވިޔަސް މި ހިޔާލުތަކުގައި ބައިވެރިވެ ހިޔާލުތަކަށް މަސައްކަތްކޮށް ހިޔާލުތަށް އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށާއި ހުށައެޅޭ ހިޔާލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތަކާއި އެ ހިޔާލާ އެފަރާތުން ގުޅާލަދޭނެ ކަމަށް އެެފަރާތުން މައުލޫމާތު ދެއެވެ. އަދި މިގޮތަށް ޓީމްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާނީ ވެސް އޮގަސްޓް މަހުގެ ތެރޭގައި ކަމަށެވެ.

އޭގެ އިތުރުން ޔޫއެންޑީޕީއިން ޚިޔާލުތައް ހޮވާލުމަށް އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް އެފަރާތުން ބުނެއެވެ. އަދި އެކަންކަން ޔޫއެންޑީޕީގެ ފޭސްބުކް ޕޭޖްގައި ވަރަށް އަވަހަށް ޝާއިއު ކުރެވިގެންދާނެ ކަމަށެވެ.

ޔޫއެންޑީޕީން މައުލޫމާތު ދޭގޮތުގައި މަތީގައި ހުށަހެޅިފައިވާ ތީމްތަކަށް ހިޔާލުތައް ހުށަހެޅުމުން ހިޔާލުތަކުގެ ތެރެއިން އެންމެ މޮޅު 5 ހިޔާލު ހޮވާލެވޭނެ އެވެ. އަދި އެ 5 ހިޔާލާއި އެ ހިޔާލުތަކަށް މަސައްކަތް ކުރަން އެހީތެރިވެދޭ ބައިވެރިން ގެންދަނީ އިނޮވޭޝަން ކޭމްޕަށް ކަމަށާއި އެ ކޭމްޕްގައި އެބޭފުޅުން ބޭނުންވާ ދާއިރާތަކުގެ އެކި މާހިރުންނާ ގުޅުވާލަދޭނަނެ ކަމަށެވެ. އަދި އެ ކޭމްޕްގައި އެކި ގްރޫޕްތަކުން އެ ގްރޫޕްތަކުގެ ހިޔާލު ތަރައްގީ ކުރުމަށްފަހު ކޭމްޕް ނިމޭއިރު ހިޔާލުތައް ޖަޖުންނަށް ހުށަހެޅުމުން އެންމެ ރަނގަޅު ހިޔާލަށް އެ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ހޮވޭ ކޮންމެ ފަރާތަކަށް 3000 ޑޮލަރުގެ ސީޑް ފަންޑިން ހަވާލުކުރާނެ ކަމަށް ޔޫއެންޑީޕީން ބުނެފައި ވެއެވެ.

ކޭމްޕްގައި ބައިވެރިވާން ބެނުންވާ ޒުވާނުން ޔޫއެންޑީޕީގެ ފޭސްބުކް ޕޭޖް “މިޔަހެލި” އަށް ލައިކް އެއް ދިނުމަށް އެފަރާތުން އެދެއެވެ. އަދި އެޕޭޖަށް މިޔަހެލީގެ މައުލޫމާތުތައް ގަވައިދުން ލެވިގެންދާނެ ކަމަށާއި އޭގެ ތެރޭގައި ހިޔާލުތައް ހުށަހަޅަންވީ ލިންކް ވެސް އިންނާނެ ކަމަށް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އިނޮވޭޝަން ކޭމްޕާއި ހިސާބަށް ދިއުމުގެ ކުރިން ބައިވެރިންނަށް އެހީވެދިނުމުގެ ގޮތުން އިޗް ވޯކްޝޮޕް ތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އިޗް ވޯކްޝޮޕް ތަކަކީ ހުށައަޅާނެ ފުރިހަމަ ހިޔާލެއް ނެތް ނަމަވެސް އެއްކަހަލަ ހިޔާލެއްގެ ބައިވެރިންނާއި ދިމާވެ މަޝްވަރާކޮށް ވޯކްޝޮޕް ގެ ތެރެއިންވެސް ހިޔާލެއް އަތުވެދާނެ ކަމަށް ބާއްވާ ވޯކްޝޮޕް ތަކެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355