twitterviber whatsapp telegramfacebookyoutube instagram
17th May 2024

ރައްޔިތުންގެ ޝަކުވާތައް ހައްލުނުކޮށް ދިއްދޫ މަގުތަކުގައި ތާރުއަޅަން ފަށައިފި

Aug 3, 2017

ރައްޔިތުންގެ ގިނަ ޝަކުވާތަކާކާއި ހިތްހަމަނުޖެހުންތަކެއް ހުއްޓާ އެކަން ހައްލުނުކޮށް މިއަދު ދިއްދޫ މަގުތަކުގައި ތާރު އަޅަންފަށައިފި އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ކޭއޯއަށް ވިދާޅުވީ މައްސަލަތައް ދިމާވާން ފެށީ ތާރުއެޅުމަށްޓަކައި މަގުތައް ކޮންނަން ފެށި ހިސާބުން ކަމަށާއި މަގުތައް ކޮނުމުގެ ތެރޭގައި ކޭބަލްތައް ބުރިވެ ކަރަންޓު ކެނޑުމާއި ކޭބަލް ޓީވީގެ ހިދުމަތް ރައްޔިތުންނަށް ލިބުމުގައި ދަތިތަކެއް ކުރިމަތި ވެގެން ދިޔަކަމަށެވެ.

މިކަމުގެ ބަދަލު އަދިވެސް ރައްޔިތުންނަށް ނުލިބޭ ކަމަށާއި މަސައްކަތްކުރާ ފަރާތުން ކޭބަލް ބުރިވުމުން ޖޮއިންޓް އެޅުމަށްފަހު އަލުން ވަޅުލަނީ ކަމަށް ހާޝިމް ވިދާޅުވި އެވެ. އެހެންކަމުން ވިއްސާރަ މޫސުމުގައި ކަރަންޓު ކެނޑުމާއި ކޭބަލް ނުލިބުމުގެ މައްސަލަ މިހާރުވެސް ދިމާވާ ކަމަށް ހާޝިމް ވިދާޅުވި އެވެ.

މީގެ އިތުރުން މަގު ބައްތިތަކުގެ ނަރުތައްވެސް ބުރިވެގެން އެކި ފަހަރުމަތިން މަރާމާތައް 17،000 ރުފިޔާ މިހާރުވެސް ހަރަދުވެފައިވާ ކަމަށާއި މަގުތައް ކޮނުމުގެ ތެރޭގައި ކޭބަލް ދިނުމަށް ވަޅުލާފައިވާ ޑިސްޓްރިބިއުޝަން ފޮށިތައް ވެސް ނެއްޓުނުކަމަށް ހާޝިމް ވިދާޅުވި އެވެ.

ދިއްދޫގެ މަގެއްގައި ތާރު އަޅަނީ– ފޮޓޯ/ ހައުސިންގ މިނިސްޓްރީ

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބޮޑުމަގުގެ 2 ފަރާތުގައި 12 ފޫޓްގެ ފޭވްމެންޓްއެއް އެޅުމަށްފަހު އަދި މެދުގައި ޑިވައިޑާޖެހުމަށް ނިންމާފައިވާތީ ކަމަށާއި އެހެން ކަމުން މަގު ވަރަށް ހަނިވެގެން ދާކަމަށެވެ. އަދި ފޭވްމެންޓްގައި ވެސް އެއްބައިގައި ގާ އެތުރުމަށްފަހު އަނެއްބަޔަށް އަޅަނީ ވެލިކަމަށާއި އެއީވެސް ރައްޔިތުންގެ ހިތްހަމަނުޖެހުމެއް ކަމަށް ހާޝިމް ވިދާޅުވި އެވެ.

ތާރުއެޅުމުގެ ތެރޭގައި ދިމާވެފައިވާ މައްސަލަތައް އެކަމުގައި ހަވާލުވެހުރި ފަރާތާ ހިއްސާކޮށްފައިވާނެކަމަށާއި އެހެންނަމަވެސް އަދިވެސް ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު މިހާތަނަށް ލިބިފައިނުވާކަން ހާޝިމް ފާހަގަ ކުރިއެވެ.

އެގޮތުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ކައުންސިލަށް ހުށައެޅުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށާއި އެކަމަށްޓަކައި ހާއްސަ ފޯމެއްވެސް ކައުންސިލުން ދޫކުރަމުންދާކަމަށް ހާޝިމް ވިދާޅުވި އެވެ. މީގެ އިތުރުން މި މަސައްކަތުގެ ތަފްސީލް ރައްޔިތުންނާއި ހިއްސާނުކޮށް ރައްޔިތުންގެ ހިޔާލު ނުހޯދާ މަސައްކަތް ފެށުމަކީ ކަންބޮޑުވާ ކަމެއްކަމަށްވެސް ހާޝިމް ވިދާޅުވި އެވެ.

ދިއްދޫގެ މަގެއްގައި ތާރު އަޅަނީ– ފޮޓޯ/ ހައުސިންގ މިނިސްޓްރީ

ހައުސިން މިނިސްޓްރީން ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކީ ސިއެރާ ކުންފުއްޏެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫގެ 1.6 ކިލޯމީޓަރަށް ތާރުއެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދިއްދޫއަކީ 6000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355