ހަނިމާދޫގައި ހިންގި އޮފަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި އެވެ.
ފުލުހުންގެ އިންޓެލިޖަންސަށް ހަނިމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއިގުޅިގެން ހދ.ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮފަރޭޝަންގައި މި މީހާ ފުލުހުންގެ ބެލުމުގެ ދަށައްގެނެސްފައިވަނީ އޯގަސްޓް 02 ވަނަ ދުވަހު 9:21 އެހާކަށްހާއިރު މާލެއިން ހަނިމާދޫއަށް އައި ބޯޓަކުން ފައިބައިގެން ދަނިކޮށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 55 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ކޮތަޅެއްގެ ތެރޭގައި އޮތް ކަރަންޓް ބޯޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒްގެ 6 ޕެކެޓް ފެނިފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ހދ.ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.