ހޮނިހިރު ބާޒާރުގައި އިމްޕޯޓް މުދާ ވިއްކުން މަނާކޮށް، ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
މިކަން އާއްމުކޮށް އެންގުމަށް ކުޅުދުއްފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހޮނިހިރު ބާޒާރަކީ ރާއްޖޭގައި އުފައްދާ ތަކެތި ވިއްކުމަށްޓަކާ ހާއްސަ ކުރެވިފައިވާ ބާޒާރަކަށް ވާތީ އެސަރަހައްދުގައި އިމްޕޯޓް މުދާ ވިއްކުމާއި، އިމްޕޯޓް މުދަލާ ގުޅޭ ޕްރޮމޯޝަންތައް ބޭއްވުމަކީ މަނާ ކަމެއްކަމަށެވެ.
އިމްޕޯޓް މުދަލަކީ އެކަމަށް ހާއްސަ ހުއްދަތަކެއް ނެގިގެން އެކަމަށް ހާއްސަކުރެވިފައިވާ ވަކި އިމާރާތެއްގައި ކުރުމަށް ހުއްދަ ކުރެވޭ ވިޔަފާރިއަކަށްވާތީ އިމްޕޯޓް މުދާ ވިއްކުމަށް ހުއްދަދެވޭ ތަންތަން ފިޔަވާ އެހެނިހެން ތަންތަނުގައި އިމްޕޯޓް މުދާ ވިއްކުމަކީ މަނާކަމެއް ކަމުގައި އަންގައިކަމަށެވެ.
ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ ހުއްދަ ނުނަގައި އިމްޕޯޓް މުދާ ގަވައިދާ ހިލާފަށް ވިއްކާ ފަރާތްތަކާ މެދު ގަވައިދުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ހޮނިހިރު ބާޒާރަކީ ކޮންމެ ހޮނިހިރު ދުވަހަކު ބޮޑުތިލަދުންމަތި ހިމެނޭ ތިން އަތޮޅުގެ ދަނޑުވެރިންގެ ދަނޑުތަކުގައި ހައްދާ މޭވާ އާއި ތަރުކާރީ ކުޅުދުއްފުއްޓަށް ގެނެސް ވިއްކާ ބާޒާރެވެ. މިބާޒާރުގައި ފަހަކަށް އައިސް ގިނަ އަދަދަކަށް އިމްޕޯޓް މުދާ ވިއްކާކަން ފާހަގަ ކުރެވިފައިވެ އެވެ.