twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުށެއް ކުރެވިދާނެ! މުހިއްމީ ކުށް ގަބޫލުކޮށް އިސްލާހުގެ މަގު ޚިޔާރުކުރުން

Aug 16, 2017

އިސްނާނުންނަކީ ކުށްކުރެވޭ ބައެކެވެ. ބައެއް ފަހަރު ގަސްދުގައި ވެސް އަނެއްބައި ފަހަރު ގަސްދު ނެތި ވެސް ކުށްކުރެވޭނެ އެވެ. އެހެންނަމަވެސް ބައެއް ކުށްތަކަކީ ކުށަށް ތައުބާވެ އެ ކުރެވުނު ކުށް ތަކުރާރު ނުކުރާނަމަ އެކަމަށް މާފު ލިބޭފަދަ ކުށްކުށެވެ. މުޖުތަމައުގައި ކުރެވޭ ބައެއް ކުށްތަކަކީ ހެދިފައިވާ ޤާނޫނުތަކުން އެކުރެވޭ ކުށަކަށް ބޮޑު އަދަބެއް ދިނުމުގެ ބަދަލުގައި އެމީހަކަށް އިސްލާހުވާނެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ކަންކަމެވެ.

ދާދިފަހަކުން އަމަލުކުރަން ފެށުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެޤާނޫނާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އުޞޫލުތަކުގައި މިކަންވަނީ ސާފު އިބާރާތުން ބަޔާން ކޮށްފައެވެ. އަދި އަދަބު ލުއި ކުރެވޭނެ 2 ގޮތެއް ވަނީ ބަޔާންކޮށްފައެވެ.

ނަޞޭޙަތުގެ އެއްބަސްވުމެއްގައި ސޮއިކުރުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 96 ވަނަ މާއްދާގައި ވާގޮތުން ކުށްކުރެވި ކުށަށް އިއުތިރާފްވާ މީހަކަށް ނަޞޭޙަތުގެ އެއްބަސްވުމެއްވުމަށް އެދި އަމިއްލަ އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުން އެދެވިދާނެއެވެ. އަދި ކުރެވޭ ކުށަށް އިއުތިރާފްވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ވަކި ސަރުތުތަކެއްގެ މަތިން މައްސަލަ ނިންމުމުގެ ބާރު ހުދު ޕްރޮސިކިއުޓަރ ޖެނެރަލަށްވެސް ލިބިގެންވެއެވެ.

ނަޞޭޙަތުގެ އެއްބަސްވުމެއް ވެވޭނީ، ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އެ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައެވެ. މިގޮތަށް ކަނޑައަޅަނީ އެކުޅަ ކުށަށްދައުވާ ކުރުމަށްވުރެން ދައުވާ ނުކޮށް ނަސޭހަތްދީ މައްސަލަ ނިންމުމަކީ އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތް ކަމުގައި ވާނަމައެވެ. ވަކި ސަރުތުތަކަކާއި އެކު މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރެވި އެކުށުން އިސްލާހުވުމުގެ ފުރުސަތު މިވަނީ ލިބިދީފައެވެ.

އިއުތިރާފްގެ އެއްބަސްވުމެއްގައި ސޮއިކުރުން

ކުށްކުރާ ފާރާތުން އެކުރާ ކުށަށް އިއުތިރާފުވެ އަދަބު ލުއިކޮށްދިނުމަށް އެދުނު ނަމަވެސް، ނަޞޭޙަތުގެ އެއްބަސްވުމެއް ވެވޭ މިންވަރަށް ޝަރުތު ފުރިހަމަ ނުވާނަމަ ޤާނޫނުގެ 104 ވަނަ މާއްދާގައިވާފަދައިން އެފަރާތާމެދު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އަދި މިފަދަ އެއްބަސްވުމެއް ކުށަށް އިއުތިރާފްވާ ފަރާތާއި މެދު ވެވިއްޖެނަމަ އެކުށަކަށް ކަނޑައެޅިފައިވާ އަދަބު ލުއިކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ކޯޓުގައި އެދޭނެއެވެ.

މިހާރުގެ ޤާނޫނުލް އުޤޫބާތާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުށްކުރެވޭ ފަރާތަށް އިސްލާހުގެ މަގު ޙުކުމުގެ ކުރިންވެސް ވަނީ ފަހިކޮށްދީފައެވެ. ތަހުގީގަށް އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފުވުމާއި ކުށް ތަކުރާރުނުކުރަން އެއްބަސްވުންފަދަ ފުރުޞަތުތައް ކުށްކުރެވޭ ފަރާތަށް ވަނީ ދީފައެވެ.

މި ގާނޫނުތަކާއި އުޞޫލުތައް ތަންފީޒުކުރުމުގައި ޕީޖީގެ ދައުރުވެސް ޒިންމާދާރުގޮތެއްގައި އަދާކުރަން ޖެހޭނެއެވެ. ކުދިކުދި ކުށްތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކާމެދު ގާނޫނުތަކުގައި ހުރި އިސްލާހުވުމުގެ ފުރުސަތުތައް ފަހިކޮށްދޭންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355