twitterviber whatsapp telegramfacebookyoutube instagram
19th April 2024

އައިސީޔޫއަށް 2 އެނދު އިތުރުކޮށް، އޯޕީޑީގައި ޑޮކްޓަރު ބަލައި ގަޑި އަވަސްކޮށްފި

Aug 15, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ ހިދުމަތް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެތަނަށް 2 އެނދު އިތުރުކޮށް، އިތުރު ވެންޓިލޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލު ހިންގަމުންދާ ނޫރުއިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( އެންއައިއައި) ބުނެފި އެވެ.

އެހޮސްޕިޓަލުގެ އައިސީޔޫއަށް އިތުރުކުރި 2 އެނދާއެކު މިހާރު ޖުމްލަ 5 އެނދުން ހިދުމަތް ލިބޭނެ އެވެ.

އެންއައިއައިގެ ޑިރެކްޓަރު އަލީ އުސެއިދު ކޭއޯއަށް ވިދާޅުވީ އައިސީޔޫއަށް އިތުރުކުރި 2 އެނދާއެކު އައިސީޔޫ ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.

އުސައިދު ވިދާޅުވީ އެންއައިއައި އިން ހޮސްޕިޓަލާ ހަވާލުވިއިރު އައިސީޔޫގައި ހުރީ މަސައްކަތްކުރާ އެންމެ ވެންޓިލޭޓަރެއް ކަމަށެވެ. ދެން ހުރި 2 ވެންޓިލޭޓަރު ހުރީ ހަލާކުވެފައިކަމަށެވެ. މިހާރު އެތަނުން އެއް ވެންޓިލޭޓަރަށް ބޭނުންވާ ސާމާނު ހޯދައި މަރާމާތުކޮށްފައިވާކަމަށާއި ދެން ހުރި ވެންޓިލޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު ޕޯޓަބަލް ވެންޓިލޭޓަރެއް ބޭރުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް އުސައިދު ވިދާޅުވި އެވެ.

ޕޯޓަބަލް ވެންޓިލޭޓަރެއް ގެނައުމުން ހާލުދެރަ ބަލި މީހުން އިތުރު ފަރުވާއަށް މާލޭ ފޮނުވުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާކަން އުސައިދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އޯޕީޑީގައި ޑޮކްޓަރުން ބަލަން ފަށާ ގަޑި މިހާރު އަވަސްކޮށްފައިވާކަމަށެވެ. ކުރިން ހެނދުނު 9 ޖަހާއިރު ބަލަން ފެށިނަމަވެސް މިހާރު އޯޕީޑީގައި ޑޮކްޓަރުން ފަށާ ގަޑި 8 ބަދަލުކޮށްފައިވާކަމަށެވެ.

އެކަމުގެ ސަބަބުން ބަލި މީހުންނަށާއި ރަށްރަށުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް އެންއައިއައި އިން ދެކެ އެވެ.

އެންއައިއައި އިން ކުޅުދުއްފުށީ ހޮސްޕިޓާ ހިންގުމަށް ހަވާލުވި ފަހުން ބައެއް ހިދުމަތްތައް އަންނަނީ ރަނގަޅުކުރަމުންނެވެ. އެމްބިއުލާސްގައިވެސް މިނީ ވެންޓިލޭޓަރެއް ހަރުކޮށް، ބަލިމީހުންނަށް އެކަށީގެންވާ ހިދުމަތެއްދެވޭ ގޮތަކަށް ވަނީ ތަރައްގީކުރެވިފަ އެވެ. އަދި ކުރިއާ ހިލާފަށް ބަލިމީހުން ބަލައި ދާއިރު އެބިއުލާސްގައި ނަރުހުންގެ ހިދުމަތް ލިބޭގޮތަށްވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355