ދިވެހި ފިލްމީ ތަރި އަދި ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ މިއަހަރުގެވެސް ބޮޑު އީދުގެ ޝޯތައް އޮތީ ވަރަށް ފުލްކޮށް ނެވެ. ތިލަދުންމަތީގައި ތިބި ސުނީގެ ފޭނުނަށް މިއަހަރު މިއޮތީ ވަރަށްވެސް އުފާވެރި ޙަބަރެކެވެ.
މިއަހަރު ސުނީ އީދު ޝޯތައް ދިނުމަށް ހަމަޖެހިފައިމިވަނީ ތިލަދުންމަތީގެ ރަށްތަކުގަ އެވެ. އެގޮތުން ފުރަތަމަ ޝޯ ހދ ކުމުންދޫގައި ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޝޯ އޮތީ ހދ ނޮޅިވަރަންފަރުގަ އެވެ. އަދި ތިން ވަނަ ޝޯ ހއ ތަކަންދޫގައި ދިނުމަށް ހަމަޖެހިފައިވާއިރު ހަތަރު ވަނަ ޝޯ އޮތީ ހދ ހަނިމާދޫގަ އެވެ.
ކޭއޯގައި ވާހަކަ ދައްކަމުން ސުނީ ބުނީ ގިނަ ރަށްތަކަކުން މިހާރު ޕޭމެންޓްވެސް ނިންމާފައިވާ ކަމަށެވެ. ސުނީ ބުނީ ފަސްވަނަ ޝޯއަކަށްވެސް ހދ ގެ ރަށަކުން ފުރުސަތު ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެ ޝޯ އަދި މުޅިން ފައިނަލް ކުރާނީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެކަމަށްވަންޏާ އެވެ.
މެދުކެނޑުމެއް ނެތި ޝޯތައް ދޭތާ 23 އަހަރުވެފައިވާއިރު މިއަހަރުގެ އީދުގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހަނިމާދޫ ފިޔަވާ ދެން ހުރި ރަށްތަކަކީ މުޅިން އަލަށްދެވޭ ރަށްތައްކަމުން ވަރަށް އުފާވާ ކަމަށް ސުނީ ބުންޏެވެ. ގިނަ ރަށްތަކަކުން ވަރަށް ސަޕޯޓް ލިބެމުންދާ ކަމަށް ސުނީ ބުންޏެވެ.
މަޝްހޫރު ބޮޑުބެރު ގުރޫޕް “ރާޅުގަނޑު ބޮޑުބެރު ގުރޫޕް” ވެސް ގިނަ ޝޯތަކެއް މިއަހަރު ބޮޑު އީދުގައި ދިނުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީގެ ރަށްތަކުގަ އެވެ. މިއީ މިސަރަހައްދުގައި އުޅޭ މިގުރޫޕްގެ ފޭނުން ލިބިގެންދާނެ އުފާވެރި ޙަބަރަކަށް ވާނެކަން ޔަގީނެވެ.
ތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން ރާޅުގަނޑު ބޮޑުބެރު ގުރޫޕް ޝޯ ދޭން ހަމަޖެހިފައިވަނީ ހދ ނޮޅިވަރަންފަރާއި ހއ ކެލާ އަދި ހއ ބާރަށުގަ އެވެ. މީގެ އިތުރުން ޅ ނައިފަރުގައިވެސް ޝޯ ދިނުމަށް އޮތީ ހަމަޖެހިފަ އެވެ.
ރާޅުގަނޑު ބޮޑުބެރުގެ އީދު ޝޯތައް ފަށަނީ ޅ ނައިފަަރުންނެވެ. ދެވަނަ އީދު ދުވަހު ހއ ބާރަށުގައި ޝޯ ދިނުމަށް ހަމަޖެހިފައިވާއިރު އީދު ތިންވަނަ ދުވަހު ޝޯ ދިނުމަށް ހަމަޖެހިފައިވަނީ ހދ ނޮޅިވަރަންފަރުގަ އެވެ. އަދި ހަތަރުވަނަ ޝޯ އޮތީ ހއ ކެލާގަ އެެވެ.