twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޑރ. ޝިރާނީގެ ކޮލަމް: މާފު ނުކުރަންވީ ކީއްވެ ހެއްޔެވެ؟

Aug 17, 2017

– ޑރ. ޝިރާނީ އަބުދުލް ރަހްމާން –

ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އެންމެ މަތިވެރި އަދި ގިނަގިނައިން އަފޫކުރައްވާ ފާފަފުއްސަވާ އިލާހެވެ. އެ އިލާހަކީ އަޅުތަކުންގެ އީމާންތެރިކަން ވަރުގަދަ ކުރައްވައި ހިތްތައް މަޑުމައިތިރި ކުރައްވައި އިލާހުމެއެވެ. މީހެއްގެ ކުލައަކަށް، ސިފައަކަށް ބައްލަވާވޮޑިގެންނެވުމެއްނެތި ހަމަހަމަ ކަމާއެކު ތައުބާގެ ދޮރު ހުޅުއްވައި ރަސްކަލާނގެއެވެ. އެއީ ޢިއްޒަތް ލިބިގެންވާ ރައްބުގެ މަތިވެރިކަމެވެ.

އެއިން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅަކީ ކޮބާހެއްޔެވެ؟ އަޅުގަނޑަށް ލިބޭ ފިލާވަޅަކީ މާފުކުރުމުގެ މާތްކަމެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުންދީފައިވާ ފަރާތްތަކަށެވެ. އެނގުމާއި ނޭގުމުގެ ތެރެއިން އަޅުގަނޑުމެންގެ ހައްގަކަށް އަރައިގަނެވިފައިވާ ފަރާތްތަކަށެވެ. އިންސާނުންނަކީ ނިކަމެތި، ބަލިކަށި ބަޔެކެވެ. އަމިއްލަ ބާރުގައި ފިޔަވަޅެއް އެޅުމުގެ ގާބިލްކަންވެސް އަޅުގަނޑުމެންގެ ނެތެވެ. ނިމިގެމްދާނީ މިއަދުނޫންކަންވެސް ޔަގީންނުވެއެވެ. އެހެންކަމުން ރުޅިއާއި ނަފުރަތުން ހިތްތައް ބަރުކުރަންވީ ކީއްވެހެއްޔެވެ؟

ބައެއް މީހުން އަޅުގަނޑުމެން އެތަކެއްފަހަރު ދެރަކުރުވައެވެ. ހިތްފަޅައިގެންދާފަދަ އެއްޗެހި ބުނެއެވެ. ގައިގެ އެތަން މިތަނުން ލޭކޮށާލައެވެ. އިއްޒަތާ އަބުރު ވެއްޔާ މޮޑެލައެވެ. އަޅުގަނޑުމެންގެ ހާލަތާއި މަގުސަދާ މެދު ސުވާލު އުފައްދައެވެ. ވިޔަފާރި ބަގުރޫޓުކޮށްލައެވެ. އާއިލާތައް ރޫޅާލައި، އަޅުގަނޑުމެން ލޯބިވާ ތަކެއްޗާއި މީހުންނާ ވަކި ކުރުވައެވެ. ބައެއް މީހުން އެމީހުންގެ އަމިއްލަ މަގުސަދަކަށްޓަކައި އަޅުގަނޑުމެންގެ މައުސޫމުކަމުގެ ނާޖާއިޒް ފައިދާވެސް ނަގައެވެ.

އަޅުގަނޑުމެނަށް އޮޅުވާލާއި އުއްމީދުތައް ވިއްސިވިހާލިކޮށްލައެވެ. އަޅުގަނޑުމެންގެ މުޅަމަސް ކެއުމުގެ އިތުރުން ހަސަދައާއި އެސްފީނާގެ ވިހަލައެވެ.

މިދެންނެވުނުފަދަ ކޮންމެވެސްކަމަކާ ކުރިމަތި ނުވާ އެއްވެސް ފަރާތެެއް ނުވާނެކަން ޔަގީނެވެ. އެފަދަ ކަމެއް ދިމާވުމުން ކަންތައް ކުރަނީ ކިހިނެއްހެއްޔެވެ؟ ނުވަތަ ކުރާނީ ކިހިނެއްހެއްޔެވެ؟ ސީރީޒްތަކާއި ފިލްމުތަކުގައި ހަދާހެން އަނިޔާއެއް ދިން ކޮންމެ މީހަކު ހޯދާ އެފަދަ އަނިޔާއެއް އެމީހުންނަށްވެސް ދޭނީހެއްޔެވެ؟ ފުރުސަތެއް ލިބިއްޖެނަމަ ބަދަލު ހިފާލާނީ ހެއްޔެވެ؟ އަޅުގަނޑުމެންގެ ހުރިހާ ވަގުތަކާއި ހަކަތައެއް އެބައިމީހުންގެ ދިރިއުޅުން ދަތިކުރުމަށް ހުސްކުރާނީ ހެއްޔެވެ

އެސުވާލުތަކުގެ ރަގަޅު ނުވަތަ ނުބައި ޖަވާބެއްވެސް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އަނިޔާ ލިބުނީ އަޅުގަނޑުމެންނަށެވެ. ހިތުގައި ހުރި ޒަޚަމްތަކުން ލޭ ފޭއްދެއެވެ. ބައެއްގެ އިހުމާލުން ވިއްސިވިހާލިވި ދިރިއުޅުން ކޮޅަށް ނުޖެހެއެވެ. އެހެންކަމުން މާފުކުރުމަކަށް  އެއްވެސް މަޖުބޫރެ  ނޫނެވެ . އަނިޔާތަކުގެ މަތިން ހަދާން ނައްތާލާ ހިތް ހަލާލު ކުރާކަށްވެސް ނުޖެހެވެ. ހާއްސަކޮށް އެމީހުން މާފަށްވެސް ނޭދޭ އިރުއެވެ.

އެހެންނަމަވެސް ދަންނަވަން ތޯއެވެ.؟ މާފުކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެއީ އޭގައި ހިތްހަމަޖެހުމެއްވާ ކަމެކެވެ. އެއީ ހިތްސާފުކޮށްދީ ނަފްސަށް ލުއިކަމެއް ގެނެސްދޭނެ ކަމެއްމެއެވެ. މާތް  ރަސްކަލާނގެ ރުއްސެވުމާއި ދިންނެވުން އޮހޭނޭ ކަމެއްމެއެވެ. އަޅުގަނޑުމެންގެ އެތަކެއް ވަގުތަކާއި ހަކަތައެއް ފައިދާއެއް ހުރި ކަމަކަށް ބޭނުންވެސް ކުރެވޭނެއެވެ. އެކަންކުރި މީހެއް ނުވަތަ ބަޔެއްގެ ދަރަޖައަށް ނުވެއްޓި ސަލާމަތްވެސް ވީއެވެ.

އެހެންކަމުން މާފުކުރުމުގެ ރިވެތި އާދައަށް އަހުލުވެރިބަޔަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ހެއްދެވި ފަރާތުން އަނިޔާވެރިންނަށް ހައްގު އަދަބު ދެއްވާނެކަމަށް އިތުބާރު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ފަހަތައް އޮޅެމުންދާ މާޒީގެ ހިތްދަތިކަން މާދަމާއަށް ނުގެންގޮސް ފަހަތައް ގޮސް ގެއްލުނަ ނުދޭންވީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އަނިޔާއެއް ނުވަތަ ދެރައެއް ލިބުމުން އެކަން ހަނދާން ނައްތާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ އެެކަމަށް ވަގުތުވެސް ނަގާ ކަމެކެވެ.

އެކަމަށްޓަކައި ފުރަތަމަ ފިޔަވަޅު އަޅާ ދުވަހަކީ މިއަދު ކަމުގައި ހަދަމާ ހެއްޔެވެ؟ އަމިއްލަ ނަފްސުގެ އުފާވެރި ކަމަށް ޓަކައެވެ. އާއިލާތަކާއި ދޭދޭ ފަރުދުންގެ މަސްލަހަތައްޓަކައެވެ. މުޖުތަމައުގެ މަންފާއާއި ލާބައަށް ޓަކައެވެ. ހަލާކުވެފައިވާ ދިރިއުޅުމާއި، ހިތާއި ނަފްސް ފަސޭހަވެ އާރާސްތުކުރުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މާފުކުރުމުގެ ރިވެތި އާދައިން ލިއްބައިދޭ ފޮނިމީރުކަން ލިބިގަތުމަށެވެ. މިއީ ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ ކުށްވެރިންގެ ވާހަކައެއް ނޫނެވެ. އެހެނަސް، އިސްވެ ދެންނެވިފަދަ ކަންކަން ކޮށްފައި ތިބި މީހުންނަށް މާފުކުރުމުގެ ވާހަކައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355