twitterviber whatsapp telegramfacebookyoutube instagram
24th May 2025

އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ޖިނާއީ ދައުވާއުފުލައިފި

Aug 20, 2017

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުއްވައިފި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފާޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 12 މެމްބަރުންނަށް ދައުވާކުރަނީ ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމުގެ ދައުވާ އެވެ.

މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ފުލުހަށް ހާޒިރުކުރި 9 މެމްބަރުންނާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އެެދުވަހު މަޖިލީހަށް ވަތް 3 މެމްބަރުންނެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ތިއްބެވީ ހައްޔަރުކޮށް ދައުވާކޮށްފަ އެވެ.

މަޖިލިސް ތަޅުލާފައިވަނިކޮށް މަޖިލީހަށް ވަދެ، އަމުރަށް ނުކިޔަމަންތެރިވި ކަމަށް ތުހުމަތުކޮށް ދައުވާކުރަން ފޮނުވި މެމްބަރުންގެ މައްޗަށް އެކަމެއް ސާފެއް ނުވިއެވެ. އެހެން ނަމަވެސް އެ މައްސަލާގައި މިހާތަނަށް އަށް މެމްބަރަކު ފުލުހަށް ހާޒިރުކޮށް ތަހުގީގަށް ބަޔާން ނަގާފައިވެ އެވެ.

އެ މެންބަރުންނަކީ؛

– ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)

– ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

– ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ

– މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް

– ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް

– ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

– ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)

– ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

މީގެއިތުރުން އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ސިފައިންނާމެދު މާރާމާރީ ހިންގި ކަމަށް ބުނެ ވެސް ބައެއް މެމްބަރުންގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. އެގޮތުން އެ މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355