މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ ގެ ގަވަރުނަރަކަށް ހަމަޖައްސަވަން ނިންމެވި ނީޒާ އިމާދުގެ ނަން ރައީސް އަބްދުﷲ ޔާމީން އަނބުރާ ގެންނަވައި އެ މަގާމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯ އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު ނަސީރުގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހަށް އޭނާގެ ނަން ރައީސް ޔާމީން ފޮނުއްވުމައި ގުޅިގެން ނީޒާ މިހާރު ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
އާ ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި ނަސީރަކީ އެމްއެމްއޭ އާއި ސީއެމްޑީއޭގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ. އަދި މިހާރު ނަސީރު މަސައްކަތް ކުރައްވަނީ ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގައި ފިނޭންސް މިނިސްޓްރީގެ ކޮންސަލްޓަންޓަކަށެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ އަޒީމާ އާދަމް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއީ އެކަމަނާގެ ފިރިކަލުން އަލީ ނަސީރުގެ ދިރިއުޅުއްވުން ރާއްޖެއިން ބޭރަށް ބަދަލު ކުރާތީ ފިރިކަލުންނާ އެކު ބޭރަށް ވަޑައިގަތުމަށެވެ. އަލީ ނަސީރަކީ ރާއްޖެއިން އދ އަށާއި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.