twitterviber whatsapp telegramfacebookyoutube instagram
24th May 2025

ސަރުކާރުން ބަލަހައްޓާ ކުދިންގެ ބެލެނިވެރިން ސަރުކާރުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

Aug 22, 2017

ހިޔާގައި ތިބި ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބެލެނިވެރިން ސަރުކާރުގެ ވަޒީފާގައި ތިބިނަމަ އެ މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ތެރޭގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން މަރުކަޒުން ދޫކޮށްލުމުން އާއިލާތަކުން ހަވާލުވެފައިނުވާ މީހުންގެ ދަރިންނާއި ބެލެނިވެރިންގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރައީސް އޮފީހުން މިނިސްޓްރީތަކަށް ފޮނުއްވި އުސޫލުގައިވާ ގޮތުން މިފަދަ ފަރާތްތަކުގެ މައްސަލަތައް ބަލަންވާނީ ކޮންމެ މައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށާއި މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެ ފަރާތް ވަޒީފާ އަދާކުރާ މުއައްސަސާއާ މަޝްވަރާކުރަންވާނެކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

މިފަދަ ފަރާތްތަކުގެ މުސާރައިން އުނިކުރެވޭ އަދަދު ހިޔާގައި ނުވަތަ ފިޔަވަތީގައި ހުރި ނުވަތަ ގުރައިދޫ މަރުކަޒުގައި ހުރި އެމީހަކަށް ނިސްބަތްވާ ކުއްޖެއް ނުވަތަ މީހެއްގެ ނަމުގައި ރައްކާކުރެވެންވާނޭ ކަމަށާއި އަދި ކުޑަކުއްޖެއްނަމަ އެކުއްޖެއްގެ އުމުރުން 18 އަހަރު ވުމުގެ ކުރިން އެފައިސާ ބޭނުންނުކުރެވޭނޭ ކަމަށާއި އަދި ބޮޑު މީހެއްނަމަ އެމީހަކަށް ނޫންގޮތަކަށް އެ ފައިސާ ބޭނުންނުކުރެވޭނޭ ކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

އަދި އެ މުވައްޒަފަކު މުސާރައިން އުނިކުރުމަށް އުޒުރުވެރި ވެއްޖެނަމަ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އެމީހަކު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށްވެސް ކަނޑައަޅުއްވާފައިވެއެވެ.

އެގޮތުން މިކަން ތަންފީޒުކުރާނޭ ގޮތުގެ އުސޫލާއެކު މިކަން ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަށާއި މިނިސްޓްރީ އޮފް ހެލްތަށް މިއަދުވަނީ އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355