twitterviber whatsapp telegramfacebookyoutube instagram
24th May 2025

ކަނބުރު ވޯކްޝޮޕްގެ ގުދަނުން ވައްކަންކުރި މައްސަލާގައި 2 ޒުވާނަކު ޖަލަށް

Aug 23, 2017

ކުޅުދުއްފުށީ ފިނިފެންޖަންބުގޭގެ ހުންނަ ކަނބުރު ވޯކްޝޮޕް ގުދަނެއް ފަޅާލައިގެން އެތަނުން ވައްކަން ކުރި މައްސަލާގައި ދެ މީހަކު ޖަލަށްލުމަށް މިއަދު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. ކަނބުރު ވޯކްޝޮޕްގެ ގުދަން ފަޅައިލާ ވަގަށް ނަގައިވައިވަނީ ހިޓް-މިން ބްރޭންޑްގެ ފެހިކުލައިގެ ކަރަންޓް ބުރުމާއަކާއި މަކިޓާ ބްރޭންޑްގެ ނޫކުލައިގެ ގްރޭންޑަރެއް ކެވެ.

ވައްކަމުގެ މިމައްސަލާގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އަމަލީގޮތުން މިކަމުގައި ހަރަކާތްތެރިވި ކުޅުދުއްފުށީ އަތިރިއާގެ ނަޞްރުލްއަމީން އާދަމް (19އ) އާއި މިކަމުގައި އޭނާއަށް އެހީވި ކުޅުދުއްފުށީ، ހެޕީނައިޓް ހަސަން އަހުމަދު (23އ) އެވެ. ނަޞްރުލް އަމީން ޖަލަށްހުމަށް ހުކުމްކޮށްފައިވަނީ 9 މަހާއި 13 ދުވަހަށެވެ. ހަސަން އަހުމަދު ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 4 މަހާއި 24 ދުވަހަށެވެ.

މިދިޔަ ޖުލައިމަސް ތެރޭގައި ހިންގި މިވައްކަމުގެ މައްސަލާގައި ނަޞްރުލް އަމީންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ވައްކަން ކުރުމުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އަދި ކަނބުރު ވޯކްޝޮޕްގެ ގުދަނުގެ ތަޅު ހަލާކުކޮށްލާފައިވާތީ، މީހެއްގެ މުދަލަކަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.

މި ތިން ކުށަށްވެސް އޭނާ އިއުތިރާފުވެފައިވާތީ، ވައްކަންކުރި ކަމުގެ މައްސަލާގައި 6 މަހަށް ޖަލަށްލުމަށާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް 3 މަހަށް ޖަލަށް ލުމަށާއި މީހެއްގެ މުދަލަކަށް ގެއްލުންދިނުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން 13 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. އެހެންކަމުން ބަޔާންވެ ދިޔަ ތިން ކުށުގެ އަދަބެއްގެ ގޮތުން ނަޞްރުލް އަމީން ޖުމްލަ 9 މަހާއި 13 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ އެވެ.

މިމައްސަލާގައި ހަސަން އަހުމަދަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަށްނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އެއީ ކަނބުރު ވޯކްޝޮޕްގެ ގުދަނުން ކަރަންޓް ބުރުމާއަކާއި މަކިޓާ ގްރޭންޑަރެއް ގެއްލިފައިވާވަނިކޮށް އޭގެ އެއްދުވަސް ފަހުން އެތަކެތި ހަސަން އަހުމަދުގެ އަތުން ފެނިފައިވާތީ އެވެ. މިމައްސަލާގައި ހުކުމް އިއްވަމުން މެޖިސްޓްރޭޓް ވިދާޅުވީ ހަސަން އަހުމަދުގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ އުޤޫބާތެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355