twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޑރ. ޝިރާނީގެ ކޮލަމް – ހޯދުނުވަރަކަށް ހޯދަނީ! ހަރާމެއް ހަލާލެއް ބެލުމެއް ނެތި

Aug 29, 2017

– ޑރ. ޝިރާނީ އަބުދުލް ރަހްމާން –

ދުވަސްވަރަކީ ފަތުއަޑު ކިޔާފައި ހަލާލް ހަރާމުގެ ވާހަކަ ދެކެވެމުންދާ ދުވަސްވަރެކެވެ. ގައުމުގެ ހުންގާނުގައި ހުންނެވި ބޭފުޅާ ދޫވެއްސަށް ވަން ފައިސާގެ ހަލާލުކަމާމެދު ގައުމުގެ ކުރިމަތީގައި ސުވާލު އުފައްދަވައި ގޭގައި ތިބޭ އަނބިން އެކަމާ ސުވާލުނުކުރާ ހިސާބަށް ކަންތައްގޮސް، ދިވެހިބަހުން ދެއްކެވި ވާހަކަފުޅު އަލުން ބަލުން ދިވެހިން ތަރުޖަމާކުރި ހިސާބުން ފެށިގެން މިއަޑު އަނެއްކާވެސް މިވަނީ އެތައް ގުނައަކަށް ބާރުވެފައެވެ. ވާނީވެސް އެހެންތާއެވެ. ހަލާލުނޫން ފައިސާ މިހާ ކުޑަ ގައުމެއްގައި ރޯލުކުރަންޏާ އެއިން ރެކުމަކީ ދަތިކަމެއްކަމު ނޫނީ ނުވާނެއެވެ.

މިއަދުގެ ހާލަތަކީ ދަރިފުޅު ވަޒީފާއަކަށް ނުދިޔަސް އެންމެ އަގުބޮޑު ފޯނު ހިފައިގެން 2000 ރުފިޔާގެ ސެންޓުޖަހައިގެން ދުވާލަކު 10 ފަހަރު ކޮފީ އަށް އަރަމުން ދިޔަސް މައިމީހާއަށް ހާހުގެ ގަނޑެއް ދިއްކޮށްލަންޏާ އެރުފިޔާ ހޯދާތަނެއް ނުބެލުމެވެ. ފިރިމީހާ ނުވަތަ އަނބިމީހާވެސް މުސާރައާ ނުބައްދަލުގެ އުޖޫރައެއް ގެޔަށް ގެނަޔަސް ތިމަންނާގެ ގެ ބުރިބުރިއަށް އަރަންޏާ ނުވަތަ އަގުބޮޑެތި ހަދިޔާދެންޏާ ހެވިފައި ތިބުމެވެ. ތިމާގެ ވޮލެޓު ބަރުވެ، އެކައުންޓުގައި ހުރި ފައިސާގެ އަދަދުގެ ފަހަތަށް އަންނަ ސުމެއް ގިނަވަންޏާ އެހެން މީހެއްގެ ހައްގުތަކާ މެދު އިހުމާލުވެވުނަސް އެއީ ކަމަކަށްވެސް ނުވުމެވެ.

ހަގީގަތަކީ ތަނަވަސްކަމާއި އަރާމު ދިރިއުޅުން ނުވަތަ ޒަމާނީ ކޮށް ދަންނަވަންޏާ ފެންވަރުގައި އުޅެލުމަކީ ކޮންމެ މީހަކުވެސް ހިތްއެދޭ ކަންތަކެވެ. އިންސާނާގެ ހިތަކީ ފުރޭ އެއްޗަކަށް ނުވާ ބީދައިން ފައިސާއަކީވެސް ގިނަވާ އެއްޗެއް ނޫނެވެ. އެއީ މައްސަލައެކޭ އަޅުގަނޑު ނުދަންނަވަމެވެ. އެއީ އިންސާނީ ޠަބީޢަތް ކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް އެ ދިރިއުޅުން އަޅުގަނޑުމެން ހޯދަންކުރާ ދަތުރުގެ ކޮންމެ ސިކުންތަކީވެސް ހަލާލު ގޮތުގައި ހޭދަކުރާ ސިކުންތެއްކަން ޔަގީންކުރަންޖެހެއެވެ. ދެ ދުނިޔޭގެ ތަނަވަސްކަމާއި ނަސީބުލިބޭނީ އޭރުންނެވެ.

އަންހެނަކު އޭނާގެ ދަރިއަކަށް ބަލިވެއިން ދުވަސްވަރު ކާތަކެތި ރޯފިލުވުމަށްޓަކައި ޖެހިގެން ހުރިގެއިން އެގޭ މީހުންގެ ހުއްދައަކާ ނުލައި ގެނައި އޮށްޓެއް ބޭނުންކުރުމުގެ ސަބަބުން އެކުއްޖާގެ މިޒާޖާއި އުޅުމަށްކުރި ނޭދެވޭ އަސަރުގެ ވާހަކަ ސީރަތުން ފެންނަން އެބައޮތެވެ. މިކަމުންވެސް އެގެނީ އަޅުގަނޑުމެންގެ އަރުންއެތެރެވާ ކޮންމެ އެއްޗަކީވެސް ހަލާލުގޮތުގައި ހޯދުނު އެއްޗަކަށް ނުވެއްޖެނަމަ އަޅުގަނޑުމެންގެ ނަފްސުތަކުގެ އިތުރުން އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިފަސްކޮޅުވެސް ހަލާކަށް ވެއްޓިގެންދާނެކަމެވެ.

އެހެންކަމުން ކުރާ މަސައްކަތް ހަލާލު ކުރަންޖެހެއެވެ. ލިބޭ މުސާރަ ހަލާލުކަން ޔަގީންކުރަން އެބަޖެހެވެ. ކެވޭ ކާ އެއްޗެހީގެ ހަލާލުކަން ޔަގީންކުރަން އެބަޖެހެވެ. ވޮލެޓާއި ބެންކު އެކައުންޓުގައި އެހެން މީހެއްގެ ހައްގެއްގެ ޒައްރެއްގެ މިންވަރުވެސް ނުވާކަން ކަށަވަރުކުރަން އެބަޖެހެއެވެ.ފިރިމީހާ ގެއަށް ގެެންނަ ފައިސާގެ އަދަދަށް ނުބަލައި އޭގެ އަސްލު ބަލަން އެބަޖެހެވެ. އެއީ ދުޅަހެޔޮ އަޚުލާގު ރަގަޅުޖީލެއް ބިނާ ކުރުމުގެ އެންމެ އިސް އެއް ފިޔަވަޅު ކަމުގައި ވާތީއެވެ. ހަރާމް ތަކެއްޗަކީ އޭގެ ނޭދެވޭ އަސަރު ދަރި ފަސްކޮޅުތަކަށް ދެމިގެންދާ ކަމަކަށް ވާތީއެވެ.  މިއަދު  މިގޮތުން، ފޭރިގެންނާއި ، ރިޝްވަތުންނާާާއި ހަރާމް މަސައްކަތުން ނުވަތަ އެހެން ބައެއްގެ ހައްގަކުން ހޯދާ ފައިސާއިން ގަނޑުވަރު ބިނާ ކޮށްގެން ރަންދާނެއްގައި ނިދާފައި ތިބެވުނަސް ހަރާމުން މާދަމާ ލިބިދޭނެ ހަމައެކަނި އިނާމަކީ އަނގުރު އަލިފާން ކަމުގައިވީތީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355