ރާއްޖޭގައި މި އަހަރު އެންމެ ކުލަގަދަކޮށް އީދު ފާހަގަ ކުރާ އެއްރަށަކަށް ވާނީ ހއ ބާރަށެވެ. އެގޮތުން އައިޑޮލްގެ ބޮޑުބެރު ގްރޫޕާއި، ރާއްޖޭގައި މަޝްހޫރު ގްރޫޕްތަކުން މި އަހަރު އެރަށުގައި ޕާފޯރމް ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ.
އެގޮތުން އީދު ފުރަތަމަ ރޭ މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމް އަދި ބޮޑުބެރު ޗެލެންޖުން މަޝްހޫރު ކަން ހޯދި މަންދީރަ ބޮޑު ބެރު ގްރޫޕް ވަނީ ޝޯ ހުށައެޅުމަށް ހަމަޖެހިފަ އެވެ. މީގެ އިތުރުން އެކޯ ބޭންޑްވެސް ފުރަތަމަ ރޭ ޕާފޯމް ކުރާނެއެވެ. އީދު ދެވަނަ ރޭ އައިޑޮލް ފުރަތަމަ ސީޒަނުން 3 ވަނަ ހޯދި މުހައްމަދު އިޝާން އަދި މަޝްހޫރު ރާޅުގަނޑު ބޮޑުބެރު ގްރޫޕް ގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.
އީދު 3 އަދި 4 ވަނަ ރޭގައި އެނިމޭޝަން ބޭންޑު ފެނިގެން ދާއިރު އެނިމޭޝަން ބޭންޑާއެކު 3 ވަނަ ރޭ ހަރަކާތްތެރިވާނީ އެކޯ ބޭންޑެވެ. އަދި 4 ވަނަ ރޭ ފެނިގެންދާނީ ފީއަލި ބޭންޑެވެ. އަދި އީދު ފަހުރޭ ފެނިގެންދާނީ މި އަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ޗެމްޕިއަން ބޮބް އެންޑް ބޭންޑުގެ އިތުރުން މަންދީރަ ބޮޑުބެރު ގްރޫޕެވެ.
ކައުންސިލްގެ ނައިބު ރައީސް އާސިފް އަބްދުﷲ މީގެ ކުރިން ކޭއޯއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރު ބޮޑުއީދުގެ ހަރަކާތް ވަރަށް ފޯރިއާއެކު ކުލަގަދަކޮށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އެމްއެންޑީއެފްގެ ހަވާއެރުވުމުގެ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށެވެ.
އަދި ކުޅިވަރުތައް ލައިވްކުރުމަށް ޕީއެސްއެމްގެ ޓީމެއްވެސް ބާރަށަށް އަންނާނެ ކަމަށެވެ. އަދި ސްޓޭޖްވެސް ގެނައުމަށް ހަމަޖެހިފައިވަނީ މާލެއިން ކަމަށްވެސް އާސިފް ވިދާޅުވި އެވެ.
މީގެ އިތުރުން އަންހެނުންގެ ދަނޑިޖެހުމާއި ފިރިހެންނުންގެ ދަނޑިޖެހުން އަދި އެރަށުގެ ބޮޑުބެރު ގުރޫޕެއްކަމަށްވާ ކަނބަރާ ގުރޫޕްގެ ހަރަކާތްތަކެއްވެސް ފެންނިގެންދާނެ ކަމަށް އާސިފް ވިދާޅުވި އެވެ.
ބާރަށުގައި އީދު ކުޅިވަރު ކުރިއަށް ގެންދަނީ މަންދީރަ ބޮޑުބެރު ގްރޫޕާއި ގުޅިގެން އެ ދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ސުޖާއު އިސްކޮށް ހުންނަވައިގެންނެވެ. އީދު ކުޅިވަރުގެ ފޯރިގަދަވަމުންދާއިރު ރަށުގައި ހުރި ކުލީ ކޮޓަރިތައް ވަނީ ބުކްކޮށް ފުލްވެފަ އެވެ.