twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިލަންދޫ އާއި އިތުރު 4 ރަށެއްގެ ބޯފެނުގެ ނިޒާމް ގާއިމް ކުރަން ދެ ކުންފުންޏަކަށް ހަވާލުކޮށްފި

Aug 24, 2017

ށ. މިލަންދޫ އާއި އިތުރު 4 ރަށެއްގެ ބޯފެނުގެ ނިޒާމް ގާއިމް ކުރަން ދެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ. މިލަންދޫ އާއި ރ. އުނގޫފާރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށެވެ. އަދި ބ. ކެންދޫ އާއި ކ. ގާފަރު އަދި ލ. ގަމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

16 މަސް ދުވަހުގެ ތެރޭގައި ބޯފެނުގެ މަސައްކަތް ނިންމުމަށް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައިވަނީ މިލަންދޫގައި 29 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް 82 ޓަނުގެ އާރްއޯ ޕްލާންޓެއް ހެދުމަށާއި އުނގޫފާރުގައި އަށް ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް 86 ޓަނުގެ އާރްއޯ ޕްލާންޓެއް ބެހެއްޓުމަށެވެ. މިއީ 87.9 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

އަދި 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އާއި މަޝްރޫއު ހަވާލުކޮށްފައިވަނީ ކެންދޫ އާއި ގާފަރުގައި އާރޯ ޕްލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ކޮންމެ ރަށެއްގައި ބެހެއްޓުމަށެވެ. އަދި ގަމުގައި އާރްއޯ ޕްލާންޓަކާއި 50 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކެއް ހެދުމަށެވެ. އެ މަޝްރޫއުގެ ޑިޒައިންގެ މަސައްކަތް ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ގްރީންޓެކް ކޮންސަލްޓެންޓްސް އާއި ހަވާލު ކޮށްފައިވަނީ ސެޕްޓެމްބަރު 6، 2015 ގައެވެ. މިއީ 15.4 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މީގެ ކުރިން ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫއާއި ބ. އޭދަފުއްޓާއި ތ. ވިލިފުއްޓާއި ތ. ގުރައިދޫ އަދި ގއ. ވިލިނގިލީގެ އިތުރުން ދ. ކުޑަހުވަދޫގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުން ތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. މޯހަން މުތާ އެކްސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނިއަ މިސްޓަ ވިވެކެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބދުﷲ ސަހީލް ޖަލީލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355