ޒަމާނުއްސުރެ ކުޅުދުއްފުއްޓަކީ ކުލަގަދަކޮށް އީދު ފާހަގަ ކުރަމުން އައި ރަށެކެވެ. ޒަމާނުގެ ކުލަވަރު އަތޮޅުތެރޭގެ ރަށްރަރަށް ވަދެގެން އައުމުގެ ކުރީގައިވެސް އީދު ފާހަަގަ ކުރަން ފޯރިހުންނަ ރަށަކަށް ކުޅުދުއްފުށި ވާނެއެވެ.
އަޅުގަނޑު ހަނދާނުގައި ހުންނަނީ ނުވަދިހައިގެ ފަހުކޮޅު ދެހާހުގެ ކުރީކޮޅެވެ. އެހެންވެ އަޅުގަނޑުގެ ގަލަމު ތުޑު ހާކާލެވޭތޯ ބަލާނީ ހަޔާތުގައި ބޮޑު އީދު ފާހަގަކޮށް އުޅުނު ގޮތް ކޮންމެވެސް ވަރަކަށް ކިޔުންތެރިންނަށް ގެނެސްދެވޭތޯ އެވެ. ރަށުގެ ތިން އަވަށުގައި “ފޮޓާ” ނުވަތަ ސްޓޭޖް އަޅައި އެއިރުގެ މަޝްހޫރު ބޭންޑުތައް ގެނެސް ޕާފޯމް ކުުރުން އޮންނާނެވެ. ދެކުނު އަވަށުގެ ފޮޓާ އެއިރު ހުންނަނީ ފަޑިޔާރު މަގުން ނިކުންނައިރު އަމީނީމަގުގެ އިރުމަތި ފަރާތުގަ އެވެ. އުތުރު އަވަށުގެ ފޮޓާ ހުންނަނީ މިސްކިތް މަގުން އަމީނީމަގަށް ނިކުމެވޭ ކަންމަތީގައި އިންނަ ހިތިމާގޭ ކައިރީގައެވެ.
ދެން އޮންނާނީ އިރުމަތި އަވަށުގެ ފޮޓައެވެ. އެންމެ މީހުންގިނަ ފޮޓަލަށް މި ފޮޓާވެގެންދަނީ ކެނދިގަސްމަގާ ނިކަގަސްމަގު ގުޅޭ ހިސާބުގައި ހުންނަ އެނބުރޭ އުނދޯލީގެ ސަބަބުންނެވެ. ޔަގީނުންވެސް މި އުނދޯލީގެ މަތިން އެއިރުގެ ޒުވާނުންނާއި ކުޑަކުދިން އަދިވެސް ހަނދާން ނުނެތޭނެއެވެ. އިރުމަތި އަވަށުގެ ފޮޓާ ހުންނަނީ ނިކަގަސްމަގާ ކަބީލާގޯޅި ގުޅޭ ތަނުގައެވެ. އެއިރު ކުޅުދުއްފުށީގައި މަޝްހޫރުވި ޑަންޑަނާ ބޭންޑް އެންމެ ގިނައިން ޝޯ ހުށަހަޅާއި ދީފައިވާނީ މި ފޮޓަލުގައެވެ.
އެއިރު އީދު ފާހަގަ ކުރުމުގައި އެންމެ ފޯރި ހިފާ ކަމަކީ ތިން އަވަށުގެ މެދުގައި އޮންނަ ވާދަވެރިކަމެވެ. އެ އަވަށެއްގެ ކޮންމެ ގެއަކުން ޗަންދާ ނަގައިގެން އެއިރު މާލޭގެ ބޭންޑުތައް ކޮންމެ ފޮޓަލަކަށް ގެންނާނެވެ. މާލޭގެ މަޝްހޫރު ނެށުންތެރިން ފިލްމީ ތަރިން އެއީ އެއިރު ކުޅުދުއްފުއްޓަށް އާ މޫނު ތަކަކަށް ނުވާނެއެވެ. ދެކުނު އަވަށުގެ ފޮޓަލުގައި މަޝްހޫރު ހާބުރި ހުށައަޅަދިން ލަވަތައްވެސް އަދިވެސް ކިތަންމެ ބަޔަކު ހަނދާން ހުންނާނެއެވެ.
އޭގެ ފަހުން ރާއްޖެއަށް ކަސައުޓީ މަޝްހޫރު ވި ދުވަސްވަރު ކުޅުދުއްފުއްޓަށް “ބަޖާޖު” އެރީވެސް މިހާރުގެ ނަމުންނަމަ ޒިގްޒެގް ދަނޑުގައި ކުރިއަށް ގެންދިޔަ ޝޯއެއްގެ ތެރެއިންނެވެ. އެއީ އެއިރުގެ ފާހަގަކޮށްލެވޭ ހަނދާންތަކެވެ.
އެއީ ފޮޓަލުގެ ވާހަކަ އެވެ. ދެން އޮތީ ކުޅިވަރުގެ ވާހަކަ އެވެ. ހިއްޗަށްވަޑައިގަތުމާ، މަށިމާއްޔާ، ދަމުހިނގުން ނެތި އެއިރުގެ އީދެއް ފުރިހަމައެއް ނުވާނެއެވެ.
އެއިރު މަށިމާލި ޕެރޭޑުގައި ހަމައެކަނި ފެންނާނީ މަށިމާއްޔެވެ. ވަރަށްމަދުން ކަޅުތެޔޮ މާލި ނުތިބެޔެކޭ ނޫނެކެވެ. ދެން ފެނާނީ ފުޅަދެވެ. އޭގެ ތެރޭގައި މިހާރުވެސް ބޮޑުކޮށް ވިޔެގެން ދަމާ ގުނބާ އަދި ބުއްފުޅި ބޯ މީހާ ހިމެނެއެވެ. ކުޅުދުއްފުށީ ރައްޔިތުންގެ ހުނަރުވެރިކަން އެއިރު ވެސް މިހާރުވެސް އެންމެ ބޮޑަށް ފެންނާނީ މަށިމާލީގެ ތެރެއިން ފެންނަ ފުޅަނދުތަކުންނެވެ.
ދަމުހިނގުން ކުރިއަށްގެންދާއިރު އެކަންވެސް ބައްޓަންވެފައި އޮންނާނީ ސާގާފީ ގިއުގަނޑުގެ ތެރެއިންނެވެ. ހާއްސަކޮށް އެންމެ ހަނދާން ހުންނަނީ ކޯރިގަނޑު މާލި، މުގުރުގަނޑު މާލި ފަދަ މާލިތަކުގެ ފުރިހަމަ ބެރުގެ ހަމަކުރުންތަކެވެ. ވަށައިގެން ބުރެއްހެން ތިބެ ކުޑައެއް ހިފައިގެން ފަރި ނެށުންތަކެއް ވަކި ހަމައަކުން ހުށަހަޅަމުން މުޅި ދަމުހިނގުން ނިންމާލާއިރުވެސް އެއީ އެއިރު ބަލާ ފޫހިނުވި މަންޒަރެކެވެ. އެއިރު ބޮޑުމަސް ބޭނުމުގެ ހަރަކާތްވެސް ފެންނާނީ ދަމުހިނގުމުގެ ތެރެއިންނެވެ. އަދި ހަންޑިގަނޑާރައާއި ބޮޑު މީހާއަކީ ދަމުހިނގުމުގެ ހާއްސަ މެހެމާނުންނެވެ. އެ ހަރަކާތްތަކުން ކުރެވެނީ ވަރަށް ދިވެހިވަންތަ ސަގާފީ އިހުސާސެކެވެ.
ކުޅުދުއްފުށީގައި އީދު ފާހަގަ ކުރުމުގެ ރޫހު ގެއްލިގެން ދިޔައީ ވާދަވެރިކަން ނެތި ކަންކަމުގައި އިސްނަގާނެ މީހުނެ ނެތުނީމަ ކަމަށްވެދާނެއެވެ. ކުރިއަށް މިއޮތް އީދަކީ ވެސް ކުޅުދުއްފުއްޓަށް “ވަނދު” އީދެކެވެ. ހަމައެކަނި ފެނިގެން ދާނީ ސަގާފީ ކުޅިވަރުތައް އެކަންޏެވެ. މިއަހަރު ސްޓޭޖް ޝޯތައް ބައެއް ފަރާތްތަކުން ބާއްވަން މަސައްކަތް ކޮށްފައިވީނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި އެކަން ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ.
އެހެން ނަމަވެސް ސަގާފީ ކުޅިވަރުތައް އުވިގެންނުގޮސް އޮތް ކަމީ އުފާކުރާކަމެކެވެ. ހާއްސަކޮށް އެއިރުވެސް ކުރިއަށްގެންދާ އަންހެނުން އަދި ފިިރިހެނުންގެ ދަފިނެގުމާއި ދަނޑިޖެހުން މިއީ މިހާރުވެސް އީދު ކުޅިވަރުތެރެއިން ފޯރީގައި ކުރިއަށްގެންދާ ކުޅިވަރެކެވެ.