ހައްޖު މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް މައްކާއަށް ދާއިރު މީގެ ތެރޭގައި ކުޑަކުދިންނާއި މުސްކުޅިން އިސްތިސްނާއެއް ނުވެއެވެ.
އެގޮތުން މިފަހަރު މި އޮތީ އިންޑޮނޭޝިއާއިން ހައްޖުވުމަށް ދިޔަ 104 އަހަރުގެ އަންހެނެއްގެ ވާހަކަ އެވެ. މަރިއާ މާރްގިނީ މުހައްމަދަކީ އިންޑޮނޭޝިޔާގެ އެންމެ މުސްކުޅި މީހާއެވެ. އަދި މިއީ މި އަހަރުގެ ހައްޖު އަދާކުރާ އެންމެ މުސްކުޅި މީހާވެސް މެއެވެ.
މަރިއާ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާރޕޯޓަށް ލެފުމާއިއެކު ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް އިންޕޮމޭޝަން އަބްދުލްޚާލިޤް އަލް ޒަހްރަނީ، ޖިއްދާގައި ހުރި އިންޑޮނޭޝިއަން ކައުންސެލްގެ މުހައްމަދު ޝާރިފް އަދި އިންޑޮނޭޝިއާއިން އަންނަ ހައްޖުވެރިންގެ ބެލެހެއްޓުމާއި ހަވާލުވެހުރި އަރްޝަދު ހަދިއަ ވަނީ މަރުހަބާ ކިޔާފަ އެވެ.
މަރިއާއި ހަވާލާދީ އަލްއަރަބިއްޔާއިން ބުނެފައިވަނީ ސައުދި އަރަބިއްޔާއިން ފޯރުކޮށްދި އެހީތެރިކަމާ މެހެމާންދާރީގެ ސަބަބުން އޭނާ ވަރަށް އުފާވާކަމަށެވެ. އެގޮތުން އެއާރޕޯޓުގެ ތެރެއިން މަރިއާ ގެ ސިއްހަތުވަނީ ހެލްތް ކެއާރ ޓީމަކުން ބަލާފައެވެ.