twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުމްރާނީ ތަރައްޤީއާއެކު ކުޅުދުއްފުށީގެ ރޯނުވެށުމުގެ މަސައްކަތަށް ހިޔަނި އެޅެނީ

Aug 28, 2017

ކުޅުދުއްފުށީ ރައްޔިތުންކުރާ މަސައްކަތްތަކުގެ ތެރެއިން ބޮނބި ތެޅުމާ ރޯނުވެށުމަކީ ކުޅުދުއްފުށީ އަންހެނުންވެރިން ވަރަށް ފޯރިއާއި އެކު ޒަމާނުންސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ބުރަ މިމަސައްކަތަކީ އޭރު މާ ފައިދާވި މަސައްކަތަކަށް ނުވިނަމަވެސް ފަހަކަށް އައިސް ރޯނުވެށުންވެފައިވަނީ އަގު ބޮޑު މަސައްކަތަކަށެވެ. އެމަސައްކަތުން އެކަށީގެންވާ އާއްމުދަނީއެއް ލިބޭ މަސައްކަތްތަކަށެވެ.

ރޯނުވެށުމަށް އެންމެ މަޝްހޫރު ރަށަކީވެސް ކުޅުދުއްފުއްޓެވެ. ބައެއް މީހުން މިމަސައްކަތް ކުރަނީ އަދާކުރާ ވަޒީފާއިން އެކަށީގެންވާ އާންމުދަނީއެއް ނުލިބޭތީ އިތުރު އާންމުދަނީ ހޯދުމަށެވެ. އަނެއް ބަޔަކު މިމަސައްކަތް ކުރަނީ ހަމަ ވަޒީފާއެއްގެ ގޮތުގައި އެކަމުން އެކަށީގެންވާ އާންމުދަނީއެއް ލިބޭތީ އެވެ.

އުމްރާނީ ތަރައްގީއާ ގުޅިގެން ބޮނބި އޮޅުތައް ނެނގުމަށް ދުވަހެއް ދުވަހަކަށް ދަނީ މަޖުބޫރުވަމުންނެވެ. އެގޮތުން 2011 ވަނަ އަހަރުތެރޭގައިވެސް މަގު ހެދުމަށާއި އުމްރާނީ ބައެއް މަސައްކަތްތަކުގެ ސަބަބުން 200 ވުރެ ގިނަ ބޮނބި އޮޅުތައްވަނީ ނައްތާލާފަ އެވެ. އަނެއްކާވެސް މިމައްސަލަ ވަނީ ކުރިމަތިވެފަ އެވެ. ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހެދުމަށް ޒަމާނީ ފެންވަރުގެ ތަނެއް ހެދުމަށާއި ޕީއެސްއެމްގެ އެންޓަނާއެއް ޖެހުމަށް ބިން ދޫކޮށްފައިވާއިރު އެތަނަކީ ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ހުރި ތަންތަނެވެ. އެހެންކަމުން އެސަރަހައްދުގެ ބޮނބި އޮޅުތަކުގައި ހުރި ބޮނބިތައް ނަގައި އޮޅުތައް ހުސްކުރަން މިހާރުވަނީ އަންގާފަ އެވެ. އަދި ކުނިކޮށި ހިމެނޭ މާފަލު ފެންގަނޑު ސަރަހައްދަކީވެސް ބައެއް މީހުން ބޮނބި އޮޅުތައް ހުންނަތަނެކެވެ. ނަމަވެސް އެތަނަކީވެސް މުސްތަގުބަލަށް ބަލާއިރު އެކަން ކުރެވޭނެ ތަނެއް ނޫނެވެ. އެއާޕޯޓް އެޅުމަށް މަށިކުޅި ހިއްކުމަށް ހަމަޖެހިފައިވާތީ ކުޅިއަށް ބޮނބި ފާކުރަންވެސް އެޅޭކަށް ނެތެވެ. ރޯނު ބޮނޑިއެއްގެ އަގު މިހާރު އުޅެނީ 165 ރުފިޔާއަށެވެ.

މިކަންކަމާ ހުރެ ރޯނުވެށުމުގެ މަސައްކަތް ކުޅުދުއްފުށިން އުވިދާނެކަމުގެ ބިރު އެބައޮތެވެ. މިމަސައްކަތުގައި އުޅޭ ގިނަ އަންހެންވެރީވަނީ އެކަމުގެ ކަންބޮޑުވުން ކައުންސިލާ ހިއްސާކޮށްފަ އެވެ.

ކައުންސިލުންވެސް މިމަސައްކަތް ހުއްޓޭކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު ހުރަސްތަކެއްވެސް އެބަހުއްޓެވެ. ސަރުކާރުން ގެންނަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ބިންތައް ހަމަޖައްސައިދިނުމަކީ ކައުންސިލުގެ މައްޗަށް ލާޒިމްކަމެކެވެ. ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ” އަޅުގަނޑުމެންވެސް ވަރަށް ކަންބޮޑުވާ މައްސަލައެއް އެއީ. ރޯނުވެށުމަކީ މިރަށުގެ ސަގާފަތާއި އަދި ކުޅުދުއްފުށީ ރަމުޒުކޮށްދޭ އެއް މަސައްކަތް ރޯނުވެށުން އެއީ ” އެވެ. އަދި ބައެއް ފަރާތްތަކުން އާންމުދަނީ ރޯދުމަށް ކުރާ މަސައްކަތެއްވެސް މެ އެވެ.

އަބުދުލް ލަތީފް ވިދާޅުވީ ރޯނުންވެށުން ހުއްޓޭނެފަދަގޮތަކަށް ކައުންސިލުން މަސައްކަތް ނުކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫއުތަކަށް ބިން ހަމަޖައްސައިދޭން ޖެހޭ ކަމަށާއި އެކަންކަމަކީވެސް ރައްޔިތުންނާ ވަރަށް ގުޅުން ހުރި އަދި ރަށުގެ ތަރައްގީއަށް ކުރެވޭ ހިންގޭ މަޝްރޫއުތައްކަމަށް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުން ބޭނުންވަނީ ދާއިމީ ގޮތެއްގައި ނުވަތަ ވީހާވެސް ގިނަދުވަހަކަށް ބޮނބި އެޅޭނެ ސަރަހައްދެއް އެކަމަށް ދޫކޮށްލުން ކަމަށާއި އެހެންނަމަވެސް އެގޮތަށް ކަންތައް ކުރެވެން އަންނަނީ ލޭންޑްޔޫސް ޕްލޭން އެނގިގެން ކަމަށެވެ. ހައުންސިންގ މިނިސްޓްރީން މިހާރު ވަނީ ކުޅުދުއްފުށީ ލޭންޑްޔޫސް ޕްލޭންނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފަ އެވެ. އެހެންކަމުން ލޭންޑްޔޫސް ޕްލޭންގެ އެންމެ ފަހުގެ އަޕްޑޭޓެއް ހޯދުމަށް ކައުންސިލުން މިނިސްޓްރީގައި އެދިފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

” މިހާރު އެބައުޅޭ ލޭންޑްޔޫސް ޕްލޭންނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ހައުންސިންގ މިނިސްޓްރީން އެބަކުރޭ. އެމަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެން ކުއްލި ނިންމުތަކެއް ނިންމާފިއްޔާ އުނދަގޫތަކެއް ކުރިމަތިވާނެ ” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ދިރިއުޅުން ރޯނުވެށުގެ ވިޔަފާރިއަށް ބަރޯސާވެފައިތިބި މީހުން ކަމުން އެމަސައްކަތް ހުއްޓިއްޖެނަމަ ދިރިއުޅުން ހީނަރުވެދާނެކަމުގެ ކަންބޮޑުވުން އެބައޮތެވެ.

ކުޅުދުއްފުށީގައި ރޯނު ވަށައިގެން އާމްދަނީ ހޯދަމުންދާ މީހުންގެ އަދަދު މަދު ނޫން އިރު އަދި ދިގު ތާރީހެއް އޮތް، ކުޅުދުއްފުށީގެ ސަގާފަތާއި ގުޅިފައިވާ ރޯނުވެށުމުގެ މަސައްކަތަށް އިތުރު ހައްލެއް ހޯދުމެއްނެތި އޮޅުތައް ހުސްކުރަން އެންގުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބައެއް ރައްޔިތުންދަނީ ބުނަމުންނެވެ. ކުޅުދުއްފުށި “ހާލު ފޮޅި، އައްޑަބިޔާ ” ގެ މަޝްހޫރުކަން ލިބިގަންނަ ފަދައިން ރޯނަކީވެސް ކުޅުދުއްފުށީގެ ހާއްސަ ކަމެއްކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355