twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޮންލައިންކޮށް އުނގެނުމުގެ ރަނުގެ ފުރުސަތެއް

Aug 28, 2017

-މައުއޫން ޝަރީފް-

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

«مَنْ سَلَكَ طَرِيقًا يَلْتَمِسُ بِهِ عِلْمًا، سَهَّلَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ» ސަޙީޙް މުސްލިމް

ދުނިޔެއާއި އާޚިރަތުގައި މީސްތަކުންނަށް މަންފާކުރަނިވި ޢިލްމެއް ޙާސިލްކުރުމަށްޓަކައި (ޢިލްމު ޙާސިލްކުރެވޭފަދަ) މަގަކުން ހިނގައިފިމީހާއަށް، ސުވަރުގެޔަށް ދެވޭ މަގުތަކުންކުރެ މަގެއް ﷲ ތަޢާލާ އޭނައަށް ފަހިކޮށްދެއްވާނެއެވެ.

ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން ރަށުން ބޭރުގައި ކިޔަވަން ހުރުމަކީ ތަކުލީފުބޮޑު ކަމެކެވެ. އަދި ކިޔެވުމާއި، ދިރިއުޅުމުގެ ޚަރަދުތަކަށް ބެލިނަމަވެސް، ގޮންޖެހުންތައް ގިނަކަން ފާހަގަކުރެވެއެވެ. ކަންމިހެންހުރިއިރު، އޮންލައިންކޮށް ކިޔެވޭ ކޯސްތަކަކީ މިކަމަށްއޮތް ވަރަށް ރަނގަޅު ފަރުވާއެކެވެ.

އިސްލާމިކް އޮންލައިން ޔުނިވަރސިޓީއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ހާސް ދަރިވަރުންނެއް ދީނީ އަދި އެހެނިހެން ދާއިރާތަކުގެ ކޯސްތައް ހަދަމުންދާ ޔުނިވަރސިޓީއެކެވެ. މިޔުނިވަރސިޓީގެ ބާނީއަކީ ޑރ. ބިލާލް ފިލިޕްސްއެވެ. މި ޔުނިވަރސިޓީގެ ދަރިވަރުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށްޓަކައި ޔުނިވަރސިޓީގެ ދަރިވަރުންތިބޭ ކޮންމެ ޤައުމެއްގައި ދަރިވަރުންގެ ކޮމިޓީއެއްވެސް އޮވެއެވެ. އަދި ކިޔެވުމުގެ އެކުވެރި މާހައުލެއް ޤާއިމުކުރުމަށްޓަކައި ލާރނިންގ ސެންޓަރތަކެއްވެސް މި ޤައުމުތަކުގައި ހެދިފައިވެއެވެ. ޔުނިވަރސިޓީގައި އަލަށް ރެޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް މިދެންނެވި ދަރިވަރުންގެ ކޮމިޓީތަކުން ވަރަށް ބޮޑު އެއްބާލުމެއްދެއެވެ.

އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ ކޯސްތައް ރާއްޖެއަށް އެހާ މުނާސަބުވަނީ ކީއްވެ؟

– ވަޒީފާއަށް ދަމުން ޢިލްމު އުނގެނެން ބޭނުންވާ ފަރާތްތަކުން ޚިޔާރު ކުރަންޖެހެނީ ދުރުންދޭ ތަޢުލީމުގެ ދޮރާށިތަކެވެ. ރާއްޖޭގެ ދެ ޔުނިވަރސިޓީންނާއި ކޮލެޖްތަކުން މިފަދަ ފުރުޞަތުތައްދެމުން ދިޔަނަމަވެސް، މިގޮތަށް ކިޔެވެނީ ވަރަށް މަދު ރޮނގުތަކަކުންނެވެ. ކަންމިހެންހުރިއިރު، އައި.އޯ.ޔޫ އިން ތަފާތު ރޮނގު ރޮނގުން ދުރުންދޭ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި ފަހެލިކަމާއި (ފްލެކްސިބިލިޓީ) ފަސޭހަކަމުގައި (ކޮންވީނިއަންސްގައި) އައި.އޯ.ޔޫ ކުރިހޯދާފައިވެއެވެ. މިގޮތުން އަތޮޅުގެ އެހެން ރަށްރަށުން ކެމްޕަސް ހުންނަ ރަށަށްއައުމުގައި ކުރިމަތިވާ ދަތިތައް އައި.އޯ.ޔޫގެ ދަރިވަރުން އުފުލާކަށް ނުޖެހެއެވެ.

– ދިވެހިންނަކީ ޒަމާނުއްސުރެ އިނގިރޭސި ބަހަށް ދޯޅުބަޔަކަށްވެފައި، ދިވެހި މުޖުތަމަޢުގައި އިނގިރޭސި ބަހުން ދީނުގެ ޢިލްމުތައް އުނގެނިފައިތިބި ދާޢީންތަކެއް އުފެދިގެންއައުމުގެ ބޭނުންތެރިކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. މިފަދަ ކޯސްތައް އައި.އޯ.ޔޫ އިން ހެދޭނެއެވެ.

– އައި.އޯ.ޔޫއިން ހިންގާ އިސްލާމިކް ފައިނޭންސްގެ ކޯސްތަކަކީ މެލޭޝިއާގެ INCEIF

އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކެކެވެ. އިސްލާމިކް ފައިނޭންސް ގެ ތަޢުލީމު ފެތުރުމުގެ ރޮނގުން ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ފަރާތްތަކުގެ ތެރޭގައި INCEIF ހިމެނެއެވެ. ސަނަދުގެގޮތުން ބަލާއިރު، INCEIF އިން އެކްރެޑިޓް ކޮށްފައިވާ ކޯސްތަކަކީ އިސްލާމީ ބޭންކްތަކުން ވަރަށް ބޮޑަށް ބަލައިގަންނަ މަޤްބޫލު ކޯސްތަކެކެވެ.

– އައި.އޯ.ޔޫގެ ޑިޕްލޮމާ ކޯސްތަކުގެ ތެރޭގައި މުޅިން ހިލޭ ކިޔެވޭނެ ކޯސްތައް އެބަހުއްޓެވެ. ޚާއްސަކޮށް އިސްލާމިކް ސްޓަޑީޒްގެ ޑިޕްލޮމާ ކޯހަކީ އެއްވެސް ސަނަދެއް ނެތަސް، އިނގިރޭސިބަސް އާދައިގެ މިންވަރަކަށް އެނގޭ ކޮންމެ ބޭފުޅަކަށްވެސް ހަދާލެވޭނެ، މުޅިން ހިލޭ ހެދޭނެ ކޯހެކެވެ. ކޯހުގެ ހުރިހާ ލެކްޗަރތަކެއް އަދި ކިޔަންޖެހޭ ފޮތްތައްވެސް، ވެބްސައިޓްގައި ރެޖިސްޓަރ ކުރުމަށްފަހު ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

– ސެކިޔުލަރިޒަމް އަދި އެތީޒަމް ފަދަ ފިކުރީ އޮއިވަރުގެ ރާޅުބާނިތައް ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ހޮޅިލާފައި ޖަހަމުންދާއިރު، މި އޮއިވަރުގެ އަސަރުކޮށްފައިވާ ކުދިންނާއި މުޚާތަބުކުރަންޖެހޭ އުސްލޫބު އައި.އޯ.ޔޫ ގެ ދަޢުވާ ކޯސްތަކުން ވަރަށް ފުރިހަމައަށް ދަސްކޮށްދެއެވެ.

– މި އަހަރު ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި އަދި އައި.އޯ.ޔޫއާއި ދެމެދުގައިވަނީ އެމް.އޯ.ޔޫއެއްގައި ސޮއިކުރެވިފައެވެ. މި އެމް.އޯ.ޔޫ އަކީ ދިވެހިރާއްޖެއިން އައި.އޯ.ޔޫގެ ކޯސްތައް ދުރުނޫން މުސްތަޤްބަލެއްގައި އެކްރެޑިޓްކުރާނެކަމުގެ ފަހިފާލެކެވެ.

– ދިވެހިރާއްޖޭގެ އައި.އޯ.ޔޫ ދަރިވަރުންގެ ކޮމިޓީއަކީ ވަރަށް ހިންގުންތެރި، އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ޔުނިވަރސިޓީގެ ކޯސްތައް ހަދަމުންދާ ދަރިވަރުންނާއި ވަރަށް ގާތްގުޅުމެއް ބާއްވަމުންދާ ކޮމިޓީއެކެވެ. ދަރިވަރުންނަށް ކިޔެވުމުގައި ބޭނުންވާ އެހީތައް މި ކޮމިޓީންނާއި އަދި ޖަމިއްޔަތުއްސަލަފުން ފޯރުކޮށްދެއެވެ.

މި ފުރުޞަތުގައި މި ދެފަރާތަށް އައި.އޯ.ޔޫގެ ދަރިވަރުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.

جزاكم الله خيرا

އައި.އޯ.ޔޫ އިން ތިރީގައި މިދަންނަވާ ކޯސްތަކުގެ ޑިޕްލޮމާ، ބެޗްލަރސް ޑިގްރީ ހެދޭނެއެވެ.

1. އިސްލާމިކް ސްޓަޑީޒް

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން

3. ސައިކޮލޮޖީ

4. އެޑިއުކޭޝަން މެނޭޖްމަންޓް

5. ޢަރަބިކް ލޭންގްއޭޖް އެންޑް ލިންގުއިސްޓިކްސް

6. އިސްލާމިކް ބޭންކިންގ އެންޑް އިކޮނިމިކްސް

އަދި އިސްލާމިކް ސްޓަޑީޒް އިން މާސްޓަރޒް ޑިގްރީ ވެސް މިހާރު ހެދެއެވެ.

ކުރިއަށް އޮތް އަހަރު އިތުރު ތިން ދާއިރާ އަކުން ކޯސްތައް ތައާރަފް ކުރަން ހަމަޖެހިފައިވާކަމުގެ ޚަބަރުވެސް ޑރ. ބިލާލް ފިލިޕްސް ވަނީ ދަރިވަރުންނަށް ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355