ކުޅުދުއްފުށީ، މަގާންމަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެމްއާރުޑީސީ ބުނީ ކުޅުދުއްފުށީ މަގާންމަގުގައި ތާރުއެޅުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެމަގުގައި ތާރުއެޅުމުގެ ކުރިން އަޅަން ޖެހޭ ސީއެސްބީ ލޭޔަރ އަދި ޕްރައިމް ކޯޓް މިދިޔަ ހަފްތާ އަޅައި ވަނީ ނިންމާލާފަ އެވެ.
މަގާންމަގުގައި ތާރުއެޅުމަށް އަމަލީ މަސައްކަތް ފަށަން އިއްޔެ ޝެޑިއުލްކޮށްފައިވީނަމަވެސް ވިއްސާރަވުމުން މިއަދަށް ފަސްކުރީ އެވެ.
ފާއިތުވި ހަފްތާތެރޭގައި ވިއްސާރަވުމުގެ ސަބަބުން މަގުހެދުމުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރާފަ އެވެ.
މަގާންމަގުގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ފެށިއިރު އެތަނުގައި އެމްއާރުޑީސީ ކުޅުދުއްފުށި ސައިޓްގެ އެއްވެސް ވެރިއެއް އަދި ކައުންސިލުގެ ވެސް އެއްވެސް ވެރިޔަކުން ފެންނަށް ނެތްކަން ފާހަގަކޮށްލެވެ އެވެ.
މަގު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ފެށިގެން މިހާރު ކުރިއަށްދާއިރު މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި 5.8 ކިލޯމީޓަރުގައި ތާރުއަޅެމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއާރުޑީސީން ބުނީ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު މި އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.