ކުޅުދުއްފުށީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެސެންޝިއަލް ނިއު ބޯން ކެއާރ، އައިވީ އިންފިއުޝަން އަދި ބްލަޑް ޓްރާންސްފިއުޝަން އާއި ބެހޭގޮތުން ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރުމަށް ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ގެ ޑިރެކްޓަރު އަލީ އުސައިދު ކޭއޯއަށް ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން 3 ދުވަހުގެ މުއްދަތައް ކަމަށެވެ.
އެގޮތުން ކޮންމެ ދަންފަޅިއެއްގައި 30 ނަރުހުން ބައިވެރިވާނެ ކަމަށާއި، މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ހޮސްޕިޓަލް މަލްޓި ސްޕެޝިއަލިޓީ ހޮސްޕިޓަލަކަށް ބަދަލުވާއިރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ ފެންވަރު މަތި ކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށް އުސައިދު ވިދާޅުވި އެވެ.
މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ކަމުގެ ތަޖުރިބާ ލިބިފައިވާ ނޫރުލް އިސްލާމިކް ކޮލެޖު އޮފް ނާރސިން އިންޑިޔާގެ ވައިސް ޕްރިންސިޕަލް ޖޯސެފިން އީވް އެވެ.
ކުރިއަށް އޮތްތަނުގައި މީގެ އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް އުސައިދު ވިދާޅުވި އެވެ.