ކުޅުދުއްފުށީގެ ދެ ފިހާރައަކުންނާއި ގެއަކުން ރޭ ވައްކަންކޮށްފި އެވެ. ރޭ ވައްކަންކޮށްފައިވަނީ ކުއިކް އެންޑް ސޭވް ނަމަކަށް ކިޔާ ފިހާރަކުންނާއި އިބްތިހާލު ނަމަކަށް ކިޔާ ފިހާރައެއްގެ އިތުރުން ސަރާސަރު ނަމަކަށް ކިޔާ ގެއަކުންނެވެ.
ދެ ފިހާރައަށްވެސް ވަގުން ވަދެފައިވަނީ ދޮރުމަތާލުމަށްފަހު އެވެ. ދޮރުމަތާލުމުން ދެ ފިހާރައިގެންވެސް ދޮރުގެ ބިއްލޫރިގަނޑުވަނީ ތަޅައިގެންގޮސްފަ އެވެ. ފިހާރަތަކުން ވަގަށް ގެންގޮސްފައިވަނީ ސިގިރޭޓާއި ވަތްގަނޑުގަ ބަހައްޓާފައިހުރި ވަކި ރުފިޔާ އެވެ.
ފިހާރައިގެ އިތުރުން ދެން ވައްކަންކޮށްފައިވާ ގެއަށް ވަގު ވަދެފައިވަނީ ކުޑަ ދޮރެއްގެ ދަގަނޑު ތޭރިއެއް އިރާލައިގެންނެވެ. އެގެއިން 2 ފޯނާއި ޗާޖަރާއި ފައިސާވެސް ގެއްލިފައިވެ އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި ރޭ ހިނގި ވައްކަމުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، ތަހްގީގް ފަށައިގެން ކުރިއަށްދާ ކަމަށެވެ.