twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވަކިން ސިނގިރެޓް ވިއްކުން މަނާކުރާ ގޮތަށް ގަވައިދު އެކުލަވާލައިފި

Sep 7, 2017

ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް އެކުލަވާލައި، ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި އިންޒާރުގެ މަންޒަރުތައް ގިނަކުރުމުގެ އާ ގަވައިދު އެކުލަވާލުމަށް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު “މިހާރު” ނޫހަށް ވިދާޅުވެފައިވާ ގޮތުގައި އެ ގަވާއިދު އެކުލަވާލާފައި ވަނީ ބޯޑުގެ ބެލުމުގެ ދަށުން ކަމަށާއި އެކަމާ ގުޅޭ ފަންނީ ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީގެ ވެސް ލަފަޔާ އެއްގޮތަށް ކަމަށެވެ. އެ ގަވާއިދުގެ ތަފްސީލު ފަހުން އާއްމުކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގަވާއިދުގައިވާ ގޮތުން ސިނގިރެޓް ފޮށިތަކާއި އެ ނޫން ވެސް ދުންފަތާ ގުޅުން ހުރި ބާވަތްތަކުގައި ހިމެނޭ އިންޒާރުގެ މެސެޖްތައް މިހާރަށް ވުރެ ގިނަ ކޮށް، ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ އެ މެސެޖުތަކުގައި ދުންފަތުގެ ގެއްލުން މިހާރަށް ވުރެން ބޮޑަށް ކިޔައިދީ އޭގެން ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލު ގޮތެއްގައި ހިމެނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެ ގަވާއިދުގައިވާ ގޮތުން ފިހާރަތަކުން ވެސް ވިއްކަން ޖެހޭނީ މަދުވެގެން ފޮއްޓެއް ކަމަށާއި ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތަކުން ވެސް ވަކިން ސިނގިރެޓް ނުވިއްކޭނެ ކަމަށެވެ. އޭގެ އިތުރުން ދުންފަތުގެ އެހެން ބާވަތްތައް ވެސް 30 ގްރާމަށް ވުރެން މަދުން ނުވިއްކޭނެ ކަމަށް ގަވާއިދުގައި ވެއެވެ.

މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށްވާއިރު ދުންފަތުގެ ގެއްލުމާއި އޭގެއިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ބޮޑަށް އެނގޭ ގޮތަކަށް މަންޒަރާ އެކު ވިއްކަން ޑަބްލިއުއެޗްއޯ އާއި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާތަކުން ވެސް ބާރު އަޅަ އެވެ.

ދުންފަތް ކޮންޓްރޯލްކުރަަން ކުރާ މަސައްކަތުގެ ދަށުން “ދުންފަތުގެ ބާވަތްތައް ޕެކޭޖްކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު”ގެ ނަމުގައި ގަވާއިދެއް ހަދައި ރައީސް އޮފީހަށް ފޮނުވީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާ އެކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355