މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ހިންގާ ލާއިންސާނީ އަމަލުތަކާ ހުރެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކާ ހދ ހަނިމާދޫގައި ހިނގާލުމެއް ބާއްވާ އަޑުއުފުލައިފި އެވެ.
ހަނިމާދޫގެ ބޮޑެތި މަގުތަކުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ރޮހިންޔާ މުސްލިމުންގެ ހައްގުގައި އަޑުއުފުލާ، އެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ޝުއޫރު ލިޔެފައިވާ ބޯޑްތަކާއި ބެނާތައް ވަނީ ބޭނުންކޮށްފަ އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ވިދާޅުވި ގޮތުގައި ކައުންސިލުން އިސްނަގައިގެން މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް، ކޮންމެ ދުވަހަކު ހަވީރު ބަނދަރު ސަރަހައްދުގައި ފަންޑު ފޮއްޓެއް ބެހެއްޓި ކަމަށެވެ.
ރޮހިންޔާ މުސްލިމުންގެ ހައްގުގައި ހަނިމާދޫގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން–ފޮޓޯ: ހަނިމާދޫ ކައުންސިލް
އަދި ހިނގާލުމަށްފަހު އިއްޔެ ވަނީ ފަންޑު ފޮށި ނަގާފައި ކަމަށެވެ. އޭގެ އިތުރުން މިހާރު ފަންޑު ފޮށި ބެހެއްޓިފައި ހުންނާނީ ކައުންސިލް އިދާރައިގައި ކަމަށާއި އިތުރަށް އެހީ ވެދޭން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލަށް ދުރުވެ އެހީވެދެވޭނެ ކަމަށް އަބްދުލް ސަލާމް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ރޮހިންޔާ މުުސްލިމުންނަށް އެހީވުމަށް ހަނިމާދޫގައި ބެހެއްޓި ފަންޑް ފޮއްޓަށް ވަނީ އިއްޔެއާއި ހަމައަށް -/17600 ރުފިޔާ ލިބިފައި ކަމަށެވެ. އަދި އެ ރުފިޔާ މާދަމާ ރެޑްކުރެސެންޓާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ހަނިމާދޫ ޒުވާނުންތަކެއް އިސްނަގައިގެން މިދިޔަ ހަފްތާ ބަންދުގައި ބެހެއްޓި ފަންޑް ފޮށިން ވަނީ -/18000 ރުފިޔާ ލިބިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ހާލުގައި ޖެހިގައިވާ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް އަންނަނީ ރޮހިންޔާ މުސްލިމުންގެ ހައްގުގައި އަޑުއުފުލައި، ފަންޑް ހޯދުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.