މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި އެ ގައުމުގެ އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަށް ލިބެމުންދާ އެތައް ލައްކަ ރޮހިންގާ މުސްލިމުންނަށް އެހީވުމަށްޓަކާ ށ. ބިލެއްފަހީގައިވެސް ހަރަކާތްތަކެއް ހިންގައިފި އެވެ.
ބިލެއްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި މިމަހު 15،16 ވަނަ ދުވަހު ވަނީ އެރަށުގެ ސަރުކާރު ހުރިހާ މުއައްސަސާތައް ގުޅިގެން އެކި ހަރަކާތްތައް ހިންގާފައި ކަމަށެވެ. އަދި ދެ ދުވަހު ހިންގި ހަރަކާތްތަކުން ޖުލްމަ -/43034 ރުފިޔާ ލިބިފައިވާ ކަމަށް އެފަރާތުން ވިދާޅުވިއެވެ.
މި ހަރަކާތްތަކުގައި އެރަށު ސިއްހީ މަރުކަޒު، ކައުންސިލް، ފެނަކަ އަދި ސުކޫލް ތަކުންނާއި ކޯޓުން ޖުމްލަ 87 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި ދެ ގުރޫޕަކަށް ބަހާލައިގެން ދުވާލަކު ގުރޫޕެއް ރަށު ތެރޭގައި ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.
ރޮހިންޔާ މުސްލިމުންގެ ހައްގުގައި ބިލެއްފަހީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން–ފޮޓޯ: ބިލެއްފަހި ކައުންސިލް
އެގޮތުން އެކި ކަހަލަ ހެދިކާ އާއި ޖޫސްޕެޓީ އަދި ލޮލީ ފަދަ ތަކެތި ރަށު ތެރޭގަޔާއި ބަނދަރުމަތީގައި ވިއްކާފައިވާ ކަމަށެވެ. އޭގެ އިތުރުން މިސްކިތަކާއި ދެ ހޮޓަލެއްގައި ފަންޑު ފޮއްޓެއް އެދެދުވަހު ބެހެއްޓި ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަދި އެރަށުގެ މުއައްސަސާތަކުންނާއި ރަށުގެ ރައްޔިތުން މިކަމަށް ދެއްވި އެއްބާރުލުމަށް ކައުންސިލްގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށް އެފަރާތުން ވިދާޅުވިއެވެ.