twitterviber whatsapp telegramfacebookyoutube instagram
25th May 2025

4 ޕްރޮޖެކްޓަކަށް ކޯޕަރޭޓިވް ސޮސައިޓީ ތައްޔާރުވެފައި، ފުރަތަމަ އައިސް ޕްލާންޓެއް

Sep 23, 2017

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީން (ކޭސީއެސް) ފުރަތަމަ ކުރަން ރާވާފައިވާ ޕްރޮޖެކްޓްތައް ހާމަކޮށްފި އެވެ. އެކަން ހާމަކޮށްފައިވަނީ ރޭ އެ ސޮސައިޓީން ބޭއްވި އާންމު ބައްދަލުވުމުގައި ޗެއާރޕާސަންގެ މަގާމަށް އިންތިހާބުކުރެއްވި އިގުބާލު ހަމީދެވެ. އޭނާ ވިދާޅުވީ ފުރަތަމަ މަސައްކަތެއްގެގޮތުގައި ކުރުމަށް ނިންމާފައިވަނީ އައިސްޕްލާންޓެއްގާއިމު ކުރުމުގެ މަސައްކަތްކަމަށެވެ.

ތިލަދެކުނު ސިނަމާގައި ބޭއްވި އެސޮސައިޓީގެ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިގްބާލް ވިދާޅުވީ އެހީދޭ އެކި އޯގަނައިޒޭޝަންތަކާއި ވާހަކަ ދައްކައިގެން މިހާރު ވަނީ އައިސް ޕުލާންޓުގެ އަމަލީ މަަސައްކަތް ފެށޭ ހިސާބަށް އާދެވިފައި ކަމަށެވެ. އެގޮތުން ނޮވެމްބަރުމަހުގެ ނިޔަލަށް ފުރަތަމަ އައިސް ޕްލާންޓް ގާއިމް ކުރެވިގެން ދާނެކަމަށެވެ. އަދި އިތުރު އައިސް ޕްލާންޓެއްގެ މަސައްކަތްވެސް ގާއިމުކުރޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އިގުބާލު ދެއްވި އެވެ.

އިގުބާލު ވިދާޅުވީ ކުނި މެނޭޖުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޯލްޑްބޭންކުން 30 މިލިއަން ޑޮލަރުގެ އެހީއެއް ހުޅުވާލާފައިވާއިރު އެ އެހީގެ ދަށުން ކުޅުދުއްފުށީގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީސް ލިބޭނެކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބިފައިވާ ކަމަށާއި މި ފުރުސަތު ފަހި ވެއްޖެނަމަ މިއީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަަމެއްކަމަށް އިގުބާލު ވިދާޅުވި އެވެ.

3 ވަނަ ކަމެއްގެ ގޮތުން ދަނޑުވެރިކަމުގެ 2 ޕްރޮޖެކްޓެއް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި އެއް ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕޮޓުގައި ގަސް އިންދައިގެން ދަނޑުވެރިކަން ދަސްކުރުމުގެ ޕްރޮގްރާމެއްކަމަށް އިގްބާލް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގެ ދަށުން  ސޮސައިޓީގެ މެންބަރުނަށް އަމާޒުކޮށްގެން ހިންގާ 15 ދުވަހުގެ ތަމުރީން ޕްރޮގްރާމަށް ޓެކްނިކަލް ގޮތުން އެހީތެރިވާ ބޭފުޅުން ނޮވެމްބަރުމަހު ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަމްރީން ޕްރޮގްރާމަށްފަހު އެފަރާތުން ކަނޑައަޅާފައިވާ ހިލޭ އެހީ އެސޮސައިޓީއަށް ލިބިގެންދާނެ ކަމަށެވެ.

ދަނޑުވެރިކަމުން އުއްފަދާތަކެތި ވިއްކާނީ ސޮސައިޓީގެ ބެލުމުގެ ދަށުންކަމަށާއި އެގޮތުން މިހާރުވެސް ދާއިމީ ގޮތެއްގައި ކޮންޓްރެކްޓަރެއްގެ ދަށުން އެތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހޭތޯ ތަފާތު ރިސޯޓްތަކާ ވާހަކަ ދައްކަމުންދާ ކަމަށްވެސް އިގްބާލު ވިދާޅުވި އެވެ.

4 ވަނަ ޕްރޮޖެކްޓެއްގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮޑިދޯނި ފަހަރު ބެލެހެއްޓޭނެ ފަސޭހަ ނިޒާމެއް ގާއިމްކުރުން ކަމަށާއި މި ރަށަށް އަދި މި ސަރަހައްދަށް ބަލާއިރު އެފަދަ ނިޒާމެއް ގާއިމް ކުރެވިފައި ނެތްކަަަމަށާއި މި މަސައްކަތް ކުރުމަށް ވިސްނަނީ އެމްޕީއެލްއާއި ވާހަކަ ދައްކައިގެން އެފަރާތުން ކުރާ މަސައްކަތެެއްގެ ގޮތުގައިކަމަށް އިގުބާލް ވިދާޅުވި އެވެ.

ރޭ ބޭއްވި އެ ސޮސައިޓީގެ ފުރަތަމަ އާންމު ޖަލްސާގައި އެސޮސައިޓީގެ ހިންގާ ކޮމެޓީންއަށް މެންބަރުން އިންތިހާބުކޮށްފައިވާއިރު މިޖަލްސާގައި ވަނީ އެސޮސައިޓީގެ މެންބަރަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހިއްސާގަތުމުގެ މުއްދަތު 3 އޮކްޓޯބަރުގެ ނިޔަލަށް އިތުރުކުރުމަށްވެސް ފާސްކޮށްފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355