twitterviber whatsapp telegramfacebookyoutube instagram
28th March 2024

މަކުނުދޫ ފަޅުން ފެމުނު މިޔަރު ފެންނާތީ ސަމާލުވުމަށް އަންގައިފި

Sep 25, 2017

ހދ މަކުނުދޫ ފަޅުތެރެއިން ބޮޑެތި ފެމުނު މިޔަރު ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް ކައުންސިލުން އަންގައިފި އެވެ. އެރަށުން ވާހަކަދެއްކި މީހުން މައުލޫމާތުދީފައިވަނީ ފަޅުތެރެއިން ފެނިފައިވަނީ ފެމުނު މިޔަރު ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުން ހުޅަނގަށް އޮންނަ ހދ. މަކުނުދޫއަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. ޖިޔޮގުރަފީގެ ގޮތުން ވަކި އަތޮޅަކަށް އޮންނަ އެރަށުގެ ފަޅަކީ 17 މޭލު ދިގު 12 މޭލު ފުޅާ ބިޔަ ފަޅެއް ލިބިފައިވާ ރަށެކެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ކޭއޯއަށް ވިދާޅުވީ ފަޅުތެރެއިން ނުރައްކާތެރި ބޮޑެތި މިޔަރު ފެންނަމުންދާކަމުގެ ޝަކުވާތަކެއް ކައުންސިލަށް ލިބިފައިވާ ކަމަށެވެ. މިޔަރު ފެނުނު ބައެއް މީހުންނާ ހަވާލީދީ ޝާކިރު ވިދާޅުވީ ބެލެވޭގޮތުގައި އެއީ ފެމުނު މިޔަރު ކަމަށެވެ. ދެ ތިން ސަރަހައްދަކުން މިޔަރު ފެނިފައިވާ ކަމަށާއި މިޔަރު ވަރަށް އަތްދަށަށްވެސް އަންނަކަމަށް އޭނާ ވިދާޅުވި އެވެ. މިޔަރު ފެނިފައިވާ މީހުންގެ ތެރޭގައި ކައުންސިލް އިދާރާގެ މުވައްޒަފަކުވެސް ހިމެނެ އެވެ.

އެރަށު ފަޅުތެރޭގައި އޮންނަ ދިއްޕަރަފުއްޓަށް ދަތުރުދިޔަ ބަޔަކަށްވެސް މިޔަރެއް ފެނިގެން ޑިންގީގައި އޭގެ ކައިރިއަށް ދިޔަ ތަނުން މިޔަރު އައިސް ޑިންގީގައި ޖެއްސި ގަތްކަމަށް އެމީހުންނާ ހަވާލާދީ ޝާކިރު ވިދާޅުވި އެވެ. ދިއްޕަރަފުށި ކައިރިން ފެނުނު މިޔަރުގައި 10 ވަރަކަށް ފޫޓް ހުންނާނެކަމަށް ފެނުނު މީހުންނާ ހަވާލާދީ ކައުންސިލް ބުނެ އެވެ.

މަކުނުދޫގެ އިތުމަތީ ފަރާތުގައި އޮންނަ ބަލިމީހުންނަށް ފަރުވާދޭ ސަރަހައްދުންވެސް އެފަދަ މިޔަރެއް ފެނިފައިވާ ކަމަށާއި އޭތިގައިވެސް 8 ވަރަކަށް ފޫޓް ހުންނާނެ ކަމަށެވެ. އެހެންކަމުން މޫދަށް ގޮސް އުޅޭ ފަރާތްތަށް އެކަމަށް ސަމާލުވުމަށް  އަޑުގަދަކުރާއިން ގޮވާފައިވާކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވި އެވެ. އެމިޔަރު ރާޅު ބީއްސާލައި ހިސާބަށް ކައިރިވާ ކަމަށް އޭނާ ބުންޏެވެ.

މަކުނުދޫގެ ފަޅުތެރޭގައި މިޔަރު އާދަޔާ ހިލާފަށް ގިނަވުމުން މަސްވެރިކަންކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި:

އެހެން ބާވަތްތަކުގެ މިޔަރުވެސް އެރަށު ފަޅުތެރޭގައި އާދަޔާ ހިލާފަށް ގިނަވެ މަސްވެރިކަންކުރުމަށްވެސް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން މަސްވެރިކަން ކުރަން އުޅޭއިރު، މަސް އޮޑިއަށް ނަނގާއިރު އަދި ބާނަން އުޅޭއިރު މިޔަރު އެ އެއްޗެހީގައި ހިފައި ކާލާކަމަށް ޝާކިރު ވިދާޅުވި އެވެ.

“ފަރުމަސް ބާނަން ކަނޑުފަރާތުން މަސްވެރިކަން ކުރަން ދަތިތަކެއް އެބަހުރި. އެއީ މަސްގަތީމަ އޮޑިޔަށް ނަނގާއިރު އަދި ބާނަން އުޅޭއިރު އެއެއްޗެހީގައި ވަރަށް ގިނަ އަދަދަކަށް މިޔަރު ހަމަލާދީ ކާލާފައި ހުރޭ. މަސްބާނަށް އުނދަގޫ މިހާރު. މިހާރު ކަންނެލި ބާނަން ދަމަދަމާ ހުއްޓާ އޭގައިވެސް މިޔަރު އެބަ ހިފައި” ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފަޅުތެރޭގައި މިޔަރު ގިނަވެ މަސްވެރިންގެ ފަރާތުން އެކަމުގެ ޝަކުވާ ލިބޭތާ އަހަރެއް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކާބަފައިންގެ ފަރާތުން އެނގިފައިވާގޮތުގައި ރަށުގެ ފަޅުތެރެއިން ކުރިންވެސް އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި ފެމުނު މިޔަރާއި އެހެނިހެން ބާވަތްތަކުގެ މިޔަރު އުޅުނު ކަމަށް ޝާކިރު ފާހަގަކުރި އެވެ.

އަދި އޭރު މިޔަރު އާބާދީ މަދުވީ ލޭނު އަޅައިގެން މިޔަރުގެ މަސްވެރިކަން ކުރަން ފެށުމުން ކަމަށާއި މިހާރު އާދަޔާ ހިލާފަށް ފަޅުތެރޭގައި މިޔަރު ގިނަވެގެން އުޅެނީ ލޭނުގެ މަސްވެރިކަން ކުރުން ސަރުކާރުން 2010 ވަނަ އަހަރުތެރޭގައި މަނާކުރުމުން އެސޮރުމެންގެ އާބާދީ އިތުރުވެގެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355