twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަނިކުފާނު ކުޅުދުއްފުށީގައި ތިޔަ އަޅުއްވަނީ “ބިއްލޫރި” އެއާޕޯޓެއްތޯ !؟

Sep 28, 2017

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން، ވަކި ރަށަކަށް އެންމެ ބޮޑު ވައުދެއްވީ ކުޅުދުއްފުއްޓަށެވެ. އެއީ ވެރިކަން ލިބޭތާ ފުރަތަމަ ދެ އަހަރު ތެރޭގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅައިދޭނެ ކަމުގެ ވައުދެވެ. ވައުދުވެވަޑައިގެންނެވިއިރު ކުޅުދުއްފުއްޓަކީ ކިހެނެތް ކޮން ގޮތަކަށް އޮތްތަނެއް ކަމެއްވެސް އެނގިވަޑައިނަންނާވާ ހެނެއް ހިޔެއްނުވެ އެވެ. ބޭނުންވަނީ ހަމަ ވޯޓެވެ.

ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު އެއާޕޯޓެއްގެ ވާހަކައެއް ނުދައްކަ އެވެ. އަދި ކުޅުދުއްފުށީ ރައްޔިތުންނެއް އެއާޕޯޓެއް އަޅާދޭށޭ ކިޔަމުން ވެރިންގެ ފަހަތުން ދުވީކީވެސް ނޫނެވެ. އެކަމަކު ރައީސް ޔާމީންގެ އެއާޕޯޓްގެ ހުވަފެނީ ވައުދުގައި ޖެހި ގިނަ ބަޔަކު ވޯޓު ދިނެވެ. ކޮންމެ އަކަސް ރައީސްކަމަށް އިންތިހާބުވީ ދުވަހުން ފެށިގެންވެސް އެންމެ ގަދައަށް ދައްކާ އެއްވާހަކަ އަކީ ކުޅުދުއްފުށީ އެއާޕޯޓުގެ ވާހަކަ އެވެ.

މިދިޔަ އަހަރު ހދ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ވަޑައިގެން ދެއްކެވީ މުޅިންވެސް ކުޅުދުއްފުށީ އެއާޕޯޓްގެ ވާހަކަ އެވެ. ކުޅުދުއްފުށީގައި އެއާޕޯޓް އަޅާނެ ވާހަކަތަކެވެ. އެތަނުން އެންމެ ފާހަގަކޮށްލެވުނީ އެއާޕޯޓް އަޅަން ފަށައި މިއަހަރު ތެރޭގައި ނިންމައި ހިދުމަތްދޭން ފަށާނެކަމަށް ރައީސް ވިދާޅުވި ވާހަކަ އެވެ. ނަމަވެސް އަދިވެސް އެއާޕޯޓް އަޅަން ބުނިތަން އޮތީ ހަމަ ހުހަށެވެ. މިހެން އޮއްވައި އަނެއްކާވެސް ގއ އަތޮޅަށް ވަޑައިގެން މިވިދާޅުވަނީ ކުޅުދުއްފުށީގެ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ. މިދިޔަ އަހަރު ރައީސް ވިދާޅުވި ގޮތަށް ކަންކަން ކުރެއްވިނަމަ މި އަހަރަކީ އެއާޕޯޓުގެ ހިދުމަތް ފަށާ އަހަރެވެ. ރިޔާސީ ކެމްޕޭނުގައި ވިދާޅުވި ގޮތަށް ކަންކަން ކުރެއްވިނަމަ މިދިޔަ އަހަރަކީ އެއާޕޯޓުގެ ހިދުމަތް ލިބޭންޖެހޭ އަހަރެކެވެ.

އެއާޕޯޓާ ބެހޭގޮތުން ރައީސް ދެއްވާ ތާރީޚުތަކަކީ މިހާރު ރައްޔިތުން އެއަށް އިތުބާރުކުރާ ތާރީހުތަކެއް ނޫނެވެ. ތަފާތު އެކި މުނާސަބަތުގައި ސަރުކާރުގެ ފަރާތުން އެތައް ތާރީހަކާއި އެތައް ވާހަކައެއް އަޑު އިވިއްޖެއެވެ. އިންތިހާބެއް އޮތިއްޔާ އަދި ވަކިން އެއާޕޯޓްގެ އަޑުގަދަވެގެންދެ އެވެ. ދެން ފަހެ ސަރުކާރުން އެއާޕޯޓް ނޭޅި ލަސްވެގެން ގޮސް ރައްޔިތުން އަޑުގަދަކޮށްލުމުން އަޅުވަނީ ކައުންސިލަރުން ބޮލުގަ އެވެ. ހުރަސް އަޅަނީ އެވެ. އެކަމަކު ދާދި ފަހުން މިނިސްޓަރު މުއިއްޒު، ދިއްދޫ ކައުންސިލަށް ނިސްބަތްކޮށް  ވިދާޅުވެފައިވަނީ ކައުންސިލަރުން އެއްބާރުލުން ދިނަސް ނުދިނަސް މިނިސްޓްރީން ފަރުވާލެއް ނެތް ކަމަށެވެ. ތަރައްޤީގެ މަސައްކަތްތައް ނުހުއްޓޭނެ ކަމަށެވެ. ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އޮންނަ ގޮތުން ސަރުކާރަކުން ކުރާ އެއްވެސް ކަމެއް ކައުންސިލަކަށް ހުއްޓުވުމުގެ އެއްވެސް ބާރެއް ނޯންނަކަން ނުދަންނަ އެއްވެސް ރައްޔިތަކު އުޅޭނެހެނެއް ހިއެއްނުވެ އެވެ.

ކުޅުދުއްފުށީގައި މިހާރު ކިއްތަށް އެއާޕޯޓް މި ރައީސްގެ ވެރިކަމުގައި މިވީ ތިން އަހަރުގެ ތެރޭގައި އަޅުއްވައިފިން ތޯ އެވެ. ފުރަތަމަ ދެ އަހަރު ތެރޭގައި އެޅުއްވި އެއާޕޯޓާއި މިއަހަރުގެ ތެރޭގައި އަޅުއްވައި ހިދުމަތްދޭން ފެށި އެއާޕޯޓުގެ އިތުރުން މިއަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފަށާ އެއާޕޯޓާއެކު 3 އެއާޕޯޓް މިހާރު ވެއްޖެ އެވެ. ތިޔަހާ ގިނަ އެއާޕޯޓު އެންމެ ރަށެއްގައި އަޅުއްވަނީ ކީކުރަންބާވައެވެ. މަނިކުފާނެވެ. ކުޅުދުއްފުށީ އެއާޕޯޓާ ބެހޭގޮތުން މަނިކުފާނު މިހާރު ތިޔަ ދައްކާ ވާހަކަތަކެއް ގަބޫލުކުރާ އެއްވެސް ރައްޔިތަކު ނެތެވެ.

މަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވަނީވެސް އެއާޕޯޓްގެ ހުވަފެން ހަގީގަތަކަށް ނުވީމަ އެވެ. އެކަމަކު ރިޔާސީ އިންތިހާބު ބޯމަތިވުމުން ވަޑައިގެން އެތަން ހިއްކާލަދާނެ އެވެ. އެކަމަކު އޭރުން ވެސް އެއާޕޯޓެއް އެޅި ކަމަކަށް ނުވާނެ އެވެ. އަދި މިހާރު ގިނަ ރައްޔިތުން ބުނާގޮތުން އެއާޕޯޓު ނުވެސް އަޅާނެ އެވެ. އޭރުން އެއާޕޯޓެއްވެސް ކުޅިއެއްވެސް ނުލިބޭނެ އެވެ. އެކަންވެސް ވާނީ ހަމަ ހުސް ދަޅަދެއްކުމަށް ކުރާ މަސައްކަތެއް ކަމަށް ރައްޔިތުން ބުނަނީ އެ ސަބަބުތަކަށް ޓަކައެވެ. ރައްޔިތުން އަދިވެސް ތިބީ ބަލާށެވެ. ކޮންމެ އަހަރަކު މަނިކުފާނު ކުޅުދުއްފުށީގައި އަޅައި “ބިއްލޫރި” އެއާޕޯޓުތަކުގެ ސަބަބުން ލޯ ތަރަތަރަ ޖަހައިގެން ދާވަރުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355