ފަންޑް ހޯދުމުގެ ގޮތުން ހދ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އޮގަސްޓް 23 ން 30 އަށް ކުރިއަށް ގެންދިޔަ ސްޓިކާރ ވިއްކުމުގެ ހަރަކާތުން 70،000 ރުފިޔާ ހޯދައިފި އެވެ.
މިއީ އެ ސްކޫލުގެ އެކި ކަންކަމަށް ފަންޑް ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި އެންމެ ބޮޑު އަގެއްގައި ސްޓިކާ ގަނެފައިވަނީ ޒެޑް.އެޗް އެލްމިނިއަމް އިންނެވެ. އެއީ 2000 ރުފިޔާއަށެވެ. އަދި ސްޓިކާރ ވިއްކައިގެން އެންމެ ގިނަ ރުފިޔާ ހޯދާފައިވަނީ 1ޖީ ކުލާހުންނެވެ. އެއީ 4610 ރުފިޔާ އެވެ.
އެގޮތުން މި ރުފިޔާ ބޭނުން ކުރެވޭނީ ސްކޫލުގައި ކުރިން ބޭނުންކުރަށް ފެށި ބައެއް ޕްރޮޖެކްޓަރުތައް ހަލާކުވެފައި ހުރުމުން އެތަކެތި ގަތުމަށާއި އަންނަ އަހަރުން ގުރޭޑް 8 އުފެދުމާ ގުޅިގެން އެ ކުލާސްރޫމްތަކަށް ޕްރޮޖެކްޓަރު ގަތުމުގެ އިތުރުން ސްކޫލުގެ ގޯތިތެރޭގައި ގާ އެތުރުމަށް ކަމަށް މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި އެއީސީގެ އެޑްމިނިސްޓްރޭޓަރު ފާރިޝް އަބުދުލްޤައްޔޫމް ވަނީ ވިދާޅުވެފަ އެވެ.
ސްޓިކާރ ވިއްކާފައިވަނީ އެސްކޫލުގެ އޮފީހުންނާއި މަންދޫބުން ރަށުތެރޭގައި ހަރަކާތްތެރިވެގެންނެވެ. އަދި މުވައްސަސާތަކަށް ޒިޔާރަތްކޮށްވެސް ސްޓިކާ ވިއްކާފަ ވެއެވެ.