ކުޅުދުއްފުށީ ޕޯޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުން އިޤުބާލު ހަމީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އިސްތިއުފާދެއްވުމަށް ފަހު އޭނާވަނީ މިއަދުގެ ވަގުތެއްގައި މާލެއަށް ގޮސްފަ އެވެ.
ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް )ކޭޕީއެލް( ގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައި އިޤުބާލު ހަމީދު، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު އަބްދުއްރައްޒާގަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކޭޕީއެލްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުންނާއި މެނޭޖަރު ( މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ކޯޕަރޭޓް ސަރވިސް ޑިވިޝަން / ހިއުމަން ރިސޯސް ޑިޕާޓްމަންޓް) މަގާމުން އިސްތިއުފާ ދެއްވާކަމަށެވެ.
އިޤުބާލު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އޭނާ ހިންގާފައިވާކަަމަށް ބުނާ ކޮރަޕުޝަނުގެ މައްސަލައެއްގެ ޝަކުވާ އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ. ކުޅުދުއްފުށީ ޕޯޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ފ. ނިލަންދޫއަށް އުފަން އިޤުބާލު ހަމަޖެއްސެވީ މިއަހަރުގެ ޖެނުއަރީމަހު އެވެ.
އިޤުބާލު ހަމީދުގެ އިސްތިއުފާ ދެއްވާފައިވާއިރު އެމަގާމަށް ގއ ކޮލަމާފުއްޓަށް އުފަން މުހައްމަދު ޝާމް ކިޔާ ބޭފުޅަކު މިހާރުވަނީ ހަމަޖައްސާފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެބޭފުޅާ ވަޒީފާއަށް ނިކުތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.