ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން އެރަށުގެ ރައްޔިތުން ހޭލުންތެރި ކުރުމަށާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ލީފްލެޓް ބަހައިފިއެވެ.
މިއަދު ހެނދުނު އެރަށުގެ އެކި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެ ބެހި ލީފްލެޓްގައި މަގުމަތީގައި ހިނގާ ބިނގާވެ އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާއި އެފަދަ ކަންކަން ހިނގުމުގައި ރައްޔިތުންގެ ފަރާތުން ހެދޭ ބައެއް ކަހަލަ ގޯސްތަކާއި އެކަންކަން މަދު ކުރުމަށް ކުރެވިދާނެ ތަފާތު ކަންކަމުގެ މައުލޫމާތު ހިމެނޭނެ ކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން ގެވެށިއަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެފަދަ ކަންކަން ސިއްރުކޮށްގެން ތިބުމަކީ ހައްލެއް ނޫންކަމުގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމަށް ކުރެވޭނެ މަސައްކަތާ ބެހޭގޮތުން މުހިންމު މައުލޫމާތު ހިމެނޭނެ ކަމަށެވެ.
ޕޮލިސް މީޑިޔާއިން މައުލޫމާތުދޭ ގޮތުގައި މި ހަރަކާތުގައި މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން ބައިވެރިވެފައިވާ ކަމަށާއި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި މިލަންދޫ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބިފައިވާ ކަމަށެވެ.