twitterviber whatsapp telegramfacebookyoutube instagram
8th May 2024

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގާއިމުކޮށްފި: ޔުނިވާސިޓީގެ ޗާންސެލަރއަކަށް ޑރ. މުސްތަފާ ލުތުފީ

Feb 16, 2011

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިއްޔެ އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމުހޫރިއްޔާ އިއްޔެ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގާއިމުކުރައްވާ އެ ޔުނިވާސިޓީގެ ޗާންސެލަރ އަކަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ ހަމަޖެއްސެވީ އިއްޔެ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގައުމީ ޔުނިވާސިޓީ ގާއިމުކުރުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ ލިޔުން ދެއްވުމަށްފަހު، ޔުނިވަރސިޓީގެ ސިއްކަ، ޑޮކްޓަރ ލުޠުފީއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ގައުމީ ޔުނިވާސިޓީ ގާއިމުކުރުމަށް ބޭއްވި ތާރީޚީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމު ކުރެއްވުމުގެ ޤަރާރު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޝިފާ މުޙަންމަދާ ޙަވާލުކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވީ، ޔުނިވަރސިޓީ ޤާއިމު ކުރުމުގެ މަޤްޞަދަކީ، ދިވެހިރާއްޖެ، ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ އަދި ޤައުމުގެ ޘަޤާފީ، އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށްޓަކައި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ ޢިލްމާއި ހުނަރު އުފައްދައި، ހޯދާ، ރައްކާތެރިކޮށް ފެތުރުންކަމަށެވެ.

ނައިބުރައީސް ވިދާޅުވީ ޔުނިވަރސިޓީގެ މަޤްޞަދަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ނަންބޯޑް ހަމައެކަނި ބަދަލުކޮށްލުމެއް ނޫންކަމަށާއި ޔުނިވަރސިޓީ އުފެދުމުން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިތުރުން، ސަރުކާރުގެ ދަށުގައި މިހާރު ކުރަމުންދާ ބައެއް ރިސަރޗް މަސައްކަތް، ޔުނިވަރސިޓީގެ ދަށަށް ބަދަލުވެގެންދާނެކަމަށެވެ. އަދި ޤައުމީ ޔުނިވަރސިޓީއެއް އުފެއްދުމުގެ އެންމެބޮޑު ބޭނުމަކީ، ޤައުމު ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އިންސާނީ ރައުސްމާލު އުފެއްދުމާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ކުރިއެރުމަށް ބޭނުންވާ ޢިލްމު އުފެއްދުމާއި، އެ ޢިލްމު ހެޔޮގޮތުގައި ބޭނުންކުރުންކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ދިވެހިރާއްޖޭގައި ޢިލްމުގެ ނޫރު ފަތުރާ އަލިގަދަ ދަންމަރަކަށް ހެދުމަށް ޢަޒުމް ކަނޑައެޅުން ވަރަށް މުހިންމު ކަމަށް ވިދާޅުވެ އެފަދަ ތަނަކަށް ޔުނިވަރސިޓީ ހެދޭނީ، ޢިލްމީ މިނިވަންކަން، އެންމެ ފުޅާ ދާއިރާގައި އޮވެގެންކަމަށާއި ޢިލްމު ހޯދުމާއި، އުފެއްދުމާއި، އުނގެނުމާއި، ފެތުރުމުގެ ފުރިހަމަ މިނިވަންކަން އޮވެގެންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޢިލްމީ މިނިވަންކަން ޔަޤީންކޮށްދިނުމަށްޓަކައި، ސިޔާސީ ނުފޫޒުތަކުން ޔުނިވަރސިޓީ ހިމާޔަތް ކޮށްދިނުމަކީ، މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މަތީ ތަޢުލީމް ހޯދައި ފުރިހަމަ ކުރުމުގެ އެންމެ މުހިއްމު ވަސީލަތަކީ، އެކި ރޮނގުން ދިރާސާކޮށް، އެދާއިރާއަކާ އެންމެ ގުޅުންހުރި މަޢުލޫމާތު އަޅައިކިޔާ ދޭހަކޮށްދިނުން ކަމަށާއި ރާއްޖޭގެ ކުޑަކަމާއެކުގައިވެސް، އެ މަސައްކަތުގައި މުޅި ދުނިޔެއަށް މަގު ދައްކާދެވިދާނެ މުހިންމު ދެތިން ދާއިރާއެއް ފާހަގަކުރެވޭކަމަށެވެ. އެމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ފަޅު ފަރުތަކާއި، ކަނޑުތަކުގެ ދިރާސާތަކުގައި، ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ހޯދުންތައް، މިރާއްޖެއިން ލިބިދެވޭނެކަމީ، މިދާއިރާގެ މާއްދާތަކަށް ޝައުޤުވެރިވާނެ ބިދޭސީ ދަރިވަރުންނާއި އެދުރުންވެސް ގަބޫލުކުރާ ޙަޤީޤަތެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީ އުފެދުމާއެކު ކުރިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުގެ ނަމުގެ ދަށުގައި ހުރި ހުރިހާ ތަނެއް އެ ޔުނިވާސިޓީގެ ބައެއްގެ ގޮތަށް ބަދަލުވެގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355