twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވިކްޓަރީ ސްޕޯޓްސް ކްލަބަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުއްޓަށް ދަތުރެއް ކުރަނީ

Feb 16, 2011

ކުޅުދުއްފުށީގެ ފުޓުބޯޅަ ޓީމާއެކު ހުކުރު ދުވަހު މެޗެއް ކުޅޭނެ

ހޮނިހިރު ދުވަހު ހަވީރު އޮންނަ އިވެންޓްގައި މާއްޓޭ އަދި ކައްޕި ބައިވެރިވާނެ

ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ނަމުން މަޝްހޫރު ވެފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުދުއްފުއްޓަށް ދަތުރެއް ކުރުމަށް ހަމަޖައްސައިފިއެވެ. މިމަހުގެ 17 އިން 20 އަށް ކުޅުދުއްފުއްޓަށް މިކުރާ ދަތުރުގައި ކުޅުދުއްފުށީގެ ފުޓުބޯޅަ ޓީމާއެކު މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިކްޓަރީގެ ހެޑް ކޯޗް އަލީ ސުޒެން ވިދާޅުވީ “މިއީ ވިިކްޓަރީ އަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށް ރާއްޖޭގެ 3 ސަރަހައްދަކަށް ކުރާ ސިލްސިލާ ދަތުރުތަކެއް. މިގޮތުން އެންމެ ފުރަތަމަ މިދަނީ ކުޅުދުއްފުއްޓަށް. އެއަށްފަހު ހައްދުންމައްޗަށް. އަދި އައްޑޫ، ފުއަށްމުލަކަށް ދަތުރު ކުރާނެ” ކަމަށެވެ.

ވިކްޓަރީ ފަދަ ބޮޑު ކުލަބަކުން ކުޅުދުއްފުށީގެ ޒުވާނުންނަށް ހުޅުވިފައިވާ ފުރުސަތުތަކާއި ބެހޭގޮތުން ސުޒޭނު ވިދާޅުވީ ގައުމީ ފެންވަރުގައި އެކި އަތޮޅުތަކުގެ ކުޅުންތެރިން ފެންނަމުން ދާއިރު، ބޮޑު އާބާދީއެއް އޮތް ކުޅުދުއްފުށިން އެފަދަ ތަރިން ފެނުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި ވިކްޓަރީ އިން ނޫން އެހެން ކުލަބް ތަކުންކަމުގައި ވިޔަސް ކުޅުދުއްފުށީގެ ކުޅުންތެރިން ފެންނަން ބޭނުންކަމުގައި ސުޒޭނު ހާމަކުރިއެވެ.

ވިކްޓަރީގެ މިދަތުރު ރޭވުމުގައި ކުޅުދުއްފުށިން އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްޒުވާނެއް ކަމުގައިވާ މުހައްމަދު ދާއޫދު މިނޫހަށް މައުލޫމާތު ދެއްވިގޮތުގައި ބުރާސްފަތި ދުވަހު ވިކްޓަރީ ޓީމު ކުޅުދުއްފުއްޓަށް އައިސް، އެދުވަހުގެ ހަވީރު މުރައިދޫގެ ފުޓުބޯޅަ ޓީމާއެކު މެޗެއް ކުޅޭނެއެވެ. އަދި ކުޅުދުއްފުށީގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ޓީމަކާއި އެކު ހުކުރު ދުވަހުގެ ހަވީރު ފުޓުބޯޅަ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، އާދީއްތަ ދުވަހުގެ ހަވީރު ވިއްޓަރީއާއި ހަނިމާދޫގެ ފުޓުބޯޅަ ޓީމާއެކު މެޗެއް ކުޅޭނެއެވެ.

މިދަތުރުގެ ތެރޭގައި ހޮނިހިރު ދުވަހު ވިކްޓަރީ ޓީމު ނޮޅިވަރަންފަރަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގެ ޒުވާނުންނާއި ބައްދަލުކުރުމުގެ ސެޝަންއެއްވެސް އޮންނާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުޓުބޯޅަ މެޗުތަކުގެ އިތުރުން ވިކްޓަރީ އިން ކުޅުދުއްފުށީ ގައި ހޭދަކުރާ ދުވަސްތަކުގައި ކުޅުދުއްފުށީގެ ތިން ސްކޫލެއްގެ ކުދިންނާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުންތަކުގައި ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ ހިއްސާކުރުމާއި ފުޓުބޯޅަ ޑިސިޕްލިންއާ ބެހޭގޮތުން ކުދިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމުގައި މުހައްމަދު ދާއޫދު މައުލޫމާތު ދެއްވިއެވެ. އަދި ނޮޅިވަރަންފަރަށް ކުރާ ދަތުރުގައި އެރަށު ސްކޫލުގެ ކުދިންނަށްވެސް އެފަދަ ސެޝަންއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ހަވީރު “ވިކްޓަރީ އާއެކު ހަވީރެއް” ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުޑަކުދިންގެ އިތުރުން ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ ހަވީރުގައި އެކި ހަރަކާތްތަކުގެ އިތުރުން ކްލަބްގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެއެވެ. މި ހަވީރުގައި ކުރީގެ ގޯލް ކީޕަރ އަދި ކޯޗު، މިހާރު އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ މައުރޫފް އަހުމަދު (މާއްޓޭ) ގެ އިތުރުން ގައުމީ ޓީމާއި ވިކްޓްރީގެ ކެޕްޓަން ކަން ކޮށްފައިވާ މުހައްމަދު އިބްރާހިމް (ކައްޕި) ވެސް ބައިވެރިވާނެކަމަށް ވިކްޓަރީގެ ފަރާތުން ސުޒޭނު މައުލޫމާތު ދެއްވިއެވެ.

ވިކްޓަރީގެ މިދަތުރަކީ ރަށުގެ ވީހާވެސް ގިނަބަޔަކު ބައިވެރިވެގެން ހިންގޭ ކާމިޔާބު އިވެންޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އިވެންޓް އިންތިޒާމުގައި ހަރަކާތްތެރިވާ އިބްރާހިމް އާސިފް މައުލޫމާތު ދެއްވިއެވެ. އަދި ރަށުގައި ހުންނަ ސަރުކާރުގެ އިދާރާތަކުންނާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރުގެ އިތުރުން އެހެނިހެން ފަރާތްތަކުން އެހީތެރިކަން ލިބެމުންދާކަމަށް އާސިފް މައުލޫމާތު ދެއްވިއެވެ. އަދި މިއިވެންޓް ގިނަބަޔަކު ބައިވެރިވާ ކުލަގަދަ އިވެންޓަކަށް ހެދުމަށްޓަކައި މިކަމުގައި އަމަލީގޮތުން ބައިވެރިވުމަށާއި އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން 7910667 އަދި 7593454 އަށް ގުޅުއްވާ ބައިވެރިވުމަށް އެދިލެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355