މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ށ. ފުނަދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައިފިއެވެ.
މި ތަކެތި ހޯދާފައިވަނީ އޮކްޓޯބަރ މަހުގެ 09 ވަނަ ދުވަހުގެ 08:30 ހާއިރު މާލެއިން ފުރައިގެން ށ.ފުނަދޫއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރުމަށް ފަހުއެވެ.
އެ ފޮށިގަނޑު ބަލައިފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވާ ކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުނަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.