twitterviber whatsapp telegramfacebookyoutube instagram
19th April 2024

ށ އަތޮޅުގެ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އެއާޕޯޓް މަޑިދޫގައި އަޅަން: ކައުންސިލުތަށް

Oct 16, 2017

ށ ފުނަދޫގައި އެއާޕޯޓެއް އަޅައިގެން، އެއާޕޯޓެއް އޮތުމުގެ ފައިދާ އަތޮޅުގެ ގިނަ ރައްޔިތުންނަށް ނުކުރާނެ ކަމަށާއި ގިނަ ރައްޔިތުން ބޭނުންވަނީ އެ އެއާޕޯޓް މަޑިދޫއަށް ބަދަލުކުރުމަށް ކަމަށް އެ އަތޮޅުގެ ބައެއް ކައުންސިލުތަކުން ހާމަކޮށްފި އެވެ.

ސަރުކާރުން އެއާޕޯޓެއް އެޅުމަށް މަސައްކަތް ކުރަމުންދަނީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާ ފުނަދޫގެ ގުޅިފައިވާ ފަރުގަ އެވެ. ނަމަވެސް އެ އަތޮޅު އުފެދިފައިވާ ގޮތުން ވެރިކަންކުރާ ރަށާއި އަތޮޅުގެ ގިނަ ރަށްތަށް ދުރުވުމުގެ ސަބަބުން ފުނަދޫގައި އެއާޕޯޓެއް އަޅައިފިނަމަ، އަތޮޅުގައި އެއާޕޯޓެއް އޮތުމުގެ ފައިދާއެއް އަތޮޅުގެ ގިނަ ރައްޔިތުންނަކަށް ނުކުރާނެ ކަމަށް އަތޮޅުގެ ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެ އެއާޕޯޓް އަތޮޅުގެ މެދުގައި އޮންނަ ފަޅު ރަށެއްކަމަށްވާ މަޑިދޫގައި ގާއިމުކޮށްފިނަމަ އެކަމުގެ ސަބަބުން އެއާޕޯޓެއް އަތޮޅުގައި އޮތުމުގެ މަގުސަދު ހާސިލުވާނެކަމަށް އަތޮޅުގެ ބޮޑެތި ރަށްތަކުން ބުނެ އެވެ.

ފުނަދޫގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމި ހިސާބުން އެއަތޮޅު ބައެއް ރައްޔިތުންވަނީ ފަރުކޮޅުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ސޯޝަލް މީޑިއާގައިވެސް ކެމްޕެއިން ފަށައިފަ އެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އެމީހުން ބުނަނީ ފުނަދޫއަކީ އަތޮޅުގެ ދެކުނު ބިތުގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކާއި ދުރުގައި އޮންނަ ރަށަކަށް ވުމުން ކަމަށެވެ. އެގޮތުން ށ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު އެތަނުން 11 ރަށް އޮންނަނީ ފުނަދޫއާ ދުރުގަ ކަމަށާއި އެއަށްވުރެ އަތޮޅުގެ މެދުގައި އޮންނަ މަޑިދޫއަށް އެއާޕޯޓް ބަދަލުކުރުމަށް އެދޭ ކަމަށެވެ.

މަޑިދޫއަށް އެއާޕޯޓް ބަދަލުކުރުމަށް އެދި ށ އަތޮޅުގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ކުރަމުންދާ ކެމްޕެއިންގެ ތެރެއިން–

ބިލެއްފަހީ ކައުންސިލުގެ ރައީސް އަބުދުﷲ ޒިޔާދު ވިދާޅުވީ އަތޮޅުގައި އަޅައި އެއާޕޯޓެއް ފުނަދޫގައި އަޅައިގެން އޭގެ ފައިދާ އަތޮޅުގެ ގިނަ ރައްޔިތުންނަށް ކުރުން ދުރު ކަމަށެވެ.

“ފުނަދޫގައި އެއާޕޯޓް އެޅުމަށްވުރެ އަޅުގަނޑުމެންނަށް ރަނގަޅު ކުޅުދުއްފުށީ އެއާޕޯޓް އަވަސްވެގެން އެ އެއާޕޯޓް އެޅުނަސް. އެއީ ދަތުރަށް ކުރަން ޖެހޭ ހަރަދު ކުޑަވޭ. މިސާލަކަށް މިހާރު ހަނިމާދުއަށް މިދަނީ 3000 ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން. ފުނަދޫއަށް މިދެވެނީ އެއަށްވުރެންވެސް ބޮޑު ހަރަދުކޮށްގެން” ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބިފައި ވެއެވެ. އެކަމަކު އަތޮޅަށް އަންނަ އެފަދަ އެއްވެސް ތަރައްގީއަކަށް ހުރަސް އަޅައި ހުއްޓުވަން ބޭނުންނުވާ ޒިޔާދު ވިދާޅުވި އެވެ.

“ފުނަދޫގެ އެއާޕޯޓް ހުއްޓުވާލާކަށް” ބޭނުންނުވާ ކަމަށާއި އެރަށުގައި އެއާޕޯޓް ހަދާފައި، ކަނޑިތީމު ދާއިރާގައި އެއާޕޯޓެއް އަޅައިދިނުމަކީ އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލުގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ ފުނަދޫގައި އެއާޕޯޓް އެޅުމަކީ ބޭކާރު ވައުދެއް ފުއްދަން އުޅުން ކަމަށާއި އެކަމުން ށ އަތޮޅުގެ އެއްވެސް ރައްޔިތަކަށް ވާނެ ފައިދާއެއް ނޯނާނެ ކަމަށެވެ.

“ސަރުކާރުގެ ސިޔާސަތާއި އެމްޕީތަކުގެ ސިޔާސަތު މިއޮންނަނީ ރައްޔިތުންނަށް ވާނުވާ ނޭނގޭގޮތަކަށް ކުރަން ބޭނުންވާ ކަމެއް ކުރެވޭ ގޮތަށް މިއޮންނަނީ. ފުނަދޫގައި އެއާޕޯޓް އަޅާތި އަތޮޅުގެ ވަރަށް ގިނަ ރައްޔިތުން ހިތްހަމަނުޖެހޭތީ މިހާރު ސަރުކާރުންވެސް އަދި އެމްޕީތަށްވެސް މިކިޔަނީ ފުނަދޫގައި އެއާޕޯޓް އަޅާފަ އެއަތޮޅު ކަނޑިތީމު ކައިރީގައި އޮންނަ ފުށިފަރުގައިވެސް އެއާޕޯޓެއް އަޅާނިއްޔޭ. އެހެންނަމަވެސް އެވާހަކަތައް އަޅުގަނޑުމެން ގަބޫލެއް ނުކުރަން.” ފޯކައިދޫ ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާފައި ފުނަދޫގައި އެއާޕޯޓެއް އަޅައިފިނަމަ ދާނީ ކުޅުދުއްފުއްޓަށް ކަމަށެވެ. އެއީ ދަތުރަށް ކުރަން ޖެހޭ ހަރަދު ކުޑަވީމަ ކަމަށެވެ. އެގޮތުން މިހާރު ހަނިމާދޫއަށްވެސް ފުނަދުއަށް ވުރެ ކުޑަ އަގެއްގައި ދެވޭ ކަމަށާއި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިފިނަމަ ދަތުރު ހަރަދު އެއަށްވުރެންވެސް ކުޑަވެގެންދާނެތީ އެވެ.

ފޯކައިދޫ ކައުންސިލުގެ ރައީސް ވެސް ވިދާޅުވީ އަތޮޅުގެ 11 ރަށުގެ ރައްޔިތުންނަށް ފަސޭހަވާނީ އެއާޕޯޓް މަޑިދޫގައި އަޅައިގެން ކަމަށެވެ.

މިލަންދޫގެ ރައްޔިތުން ބޭނުންވަނީ ފުނަދޫގައި އަޅައި އެއާޕޯޓް އަތޮޅުގެ މެދަށް، މަޑިދޫއަށް ގެންނަކަމަށް މިލަންދޫ ކައުންސިލުގެ ރައީސް އަބުދުﷲ ފާއިޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަރުކޮޅުފުނަދޫގައި އަޅައި އެއާޕޯޓް މިލަންދޫއަށް ބަދަލުކުރުމަށް ށ އަތޮޅު ކައުންސިލުގައިވެސް ވާހަކަ ދެއްކެވި އެކަމާ ބަހުސް ކުރެވިފައިވާނޭ ކަމަށެވެ.

” ށ އަތޮޅު އެއްކޮށް ކުރޮސްކޮށްލީމަ މެދަކަށް މިވަނީ ސީދާ މަޑިދޫ، އެހެންވީމަ އެންމެންގެ ހައްޤަކަށްވާނީ މަޑިދޫ (ގައި އެއާޕޯޓު އެޅުން)” މިލަންދޫ ކައުންސިލު ރައީސް ފާއިޒު ވިދާޅުވި އެވެ.

ނ މާފަރުގައިވެސް މުސްތަގުބަލުގައި އެއާޕޯޓެއް ހަދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ފުނަދޫ އާއި މާފަރާ ދޭތެރޭ ގާތްގަނޑަށް ހުންނާނީ 18 ވަރަކަށް މޭލު ކަމަށެވެ.ފާއިޒު ވިދާޅުވީ އަތޮޅުގެ ގިނަ ރައްޔިތުން ބޭނުންވަނީ އެއާޕޯޓް މަޑިދޫގައި އަޅަން ކަމަށާއި އެކަމުން އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

” އަތޮޅުގެ 99 ޕަސެންޓް މީހުން ބޭނުންވަނީ އެއާޕޯޓް މަޑިދޫގައި އެޅުމަށް. ވޯޓަށް ދިޔަސް އޭތި އަންނަނީ ސީދާ މަޑިދުއަށް” ފާއިޒު ވިދާޅުވި އެެވެ.

ކޮމަންޑޫ ކައުންސިލުގެ ރައީސް މުފީދު ވިދާޅުވީ ދަތުރުގެ ހަރަދަށް ބަލާނަމަ އަތޮޅުގެ މެދަށް އެއާޕޯޓް އައުމަކީ ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން ބަލާނަމަ ފުނަދޫގައި އެއާޕޯޓެއް އެޅުން މުހިއްމުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑިދޫއަށް އެއާޕޯޓް ބަދަލުކުރުމަށް އެދި ށ އަތޮޅުގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ކުރަމުންދާ ކެމްޕެއިންގެ ތެރެއިން–

ފުނަދޫގައި އެއާޕޯޓެއް ތަރައްގީކުރާ ވާހަކައަކީ ވަރަށް ޒަމާންވީ ވާހަކައެއް ކަމަށާއި އެރަށުގައި އެއާޕޯޓެއް އެޅުމަކީ ޅައިމަގު ރައްޔިތުން ވަރަށް ދެކެން ބޭނުންވާ ހުވަފެނެއް އަދި ބޮޑު އުއްމީދެއް ކަމަށް ފުނަދުއާ އެންމެ ކައިރީގައި އޮންނަ ޅައިމަގު ކައުންސިލުގެ ރައީސް އަބުދުލްޣަނީ ވިދާޅުވި އެވެ. އަދި ފަރުކޮޅުފުނަދޫގައި އެއާޕޯޓެއް އެޅިގެންދިއުމަކީ ރައްޔިތުން ވަރަށް އިންތިޒާރުކުރަމުންދާ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އެކަމަކީ ޅައިމަގު ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ގުޅިފައިވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކީ ރަށުގެ ތަރައްގީ އާއި އިގުތިސޯދާ ގުޅިފައިވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

“ހަޤީޤަތަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހަމަހަމަކަން އޮންނައިރު އަޅުގަނޑުވެސް ގަބޫލުކުރަން އެންމެންނަށް އެއްވަރުވާ ސަރަހައްދެއްގައި އެކަން ކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް” އަބުދުލްޣަނީ ވިދާޅުވި އެވެ.

އަތޮޅުގައި އެއާޕޯޓް އެޅުން އެންމެ ރަނގަޅުވާނީ އެންމެންނަށް ވެސް އެއްވަރުވާ ހަމަހަމަ ސަރަހައްދެއްގައި ކަމަށް ގަބޫލުކުރައްވާ ކަމަށް ޣަނީ ވިދާޅުވި އެވެ.

މިކަމުގައި ބަހެއް ހޯދާލުމަށް ށ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާރިފަށް ގުޅާލުމުން ވިދާޅުވީ ށ އަތޮޅުގެ ރަށްތަށް އުފެދިފައި ހުންނަނީ ވަރަށް ދުރުދުރުގައި ކަމަށާއި ފުނަދޫއަކީ އަތޮޅުގެ ދެކުނު ކޮޅު ކަމަށެވެ. ނަމަވެސް ފުނަދޫގައި އެއާޕޯޓު އަޅާތީ އެކަމާ ގުޅިގެން އެރަށް ދުރުވުމުން އަތޮޅުގެ އެއްވެސް ރަށެއްގެ ކައުންސިލުން ކަންބޮޑުވުންފާޅުކޮށް، އެކަން އަތޮޅު ކައުންސިލާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް މަޝްރޫއުގެ ތަފުސީލުތަށް ސަރުކާރުން ކައުންސިލަށް ހުށަހަޅާފައެއްވެސް ނުވާ ކަމަށެވެ. އަދި މަޑިދޫއަށް އެއާޕޯޓު ބަދަލުކުރުމަށް ނުވަތަ ފުނަދޫގައި އެއާޕޯޓު އަޅާތީ އެކަމާ ވެސް އެއްވެސް ފަރާތަކުން އަތޮޅު ކައުންސިލަށް އެ ކަން ހުށަހަޅާފައި ނުވާކަމަށެވެ.

އާރިފު މިހެން ވިދާޅުވެފައިވާއިރު އެއަތޮޅުގެ ބައެއް ކައުންސިލުތަކުން ބުނެފައިވަނީ ފުނަދޫ އެއާޕޯޓް، މަޑިދޫއަށް ބަދަލުކުރުމަށް އެދި އަތޮޅު ކައުންސިލަށާއި ރައްޔިތުންގެ މަޖިލިސްގެ ބައެއް މެމްބަރުންނަށްވެސް އަދި ސަރުކާރުގެ އިސް ފަރާތްތަކަށްވެސް ޝަކުވާ ހުށަހަޅާފައިވާނެ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355