twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނައުމާގެ ބޯންމެރޯ ޓްރާންސްޕުލާންޓް ޓެސްޓް ހެދުމަށް އާއިލާގެ މެމްބަރުން އިންޑިޔާއަށް!

Oct 17, 2017

ލެއަށް ކެންސަރު ޖެހި އެބަލީގެ ވޭން ތަހައްމަލުކުރަމުންދާ، ކުޅުދުއްފުށީ، ރިހިވެލި ނައުމާ މުހައްމަދުގެ އާއިލާ މީހުންނާއި ނައުމާގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އާއިލާގެ ބައެއް މެމްބަރުން އިންޑިޔާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ. އާއިލާގެ ބައެއް މެމްބަރުން އިންޑިޔާއަށް ދަނީ ބޯންމެރޯ ޓްރާންސްޕުލާންޓްގެ ކުރޮސްމެޗު ހެދުމަށެވެ.

ނައުމާގެ އެއްބަނޑުގައި މުޅިއެކު 5 މީހުން ތިބޭއިރު ނައުމާއަކީ އޭނާ އާއިލާގެ އެންމެ ހަގު ކުއްޖަ އެވެ. އެކަކަކީ މާބަނޑު މީހެއް ކަމުން އާއިލާގައި މިވަގުތު ޓެސްޓް ހެދެން ތިބީ ތިން މީހުންނަށެވެ.

ކޭއޯއަށް މައުލޫމާތުދެމުން ނައުމާގެ ދައްތަ ނަދީމާ މުހައްމަދު ބުނިގޮތުގައި ނައުމާއަށް ކީމޯ ތެރަޕީ ދިން ނަމަވެސް ނައުމާގެ ހަށިގަނޑުގައި ލޭ ނުއުފައްދާތީ  ބޯން މެރޯ ހެދުމަށް ވީހާ އަވަހަކަށް އާއިލާގައި މިވަގުތު ޓެސްޓް ހެދެން ތިބި މީހުން ޓެސްޓް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.

އަދި ނޮވެންބަރ މަހުގެ އެއްވަނަ ދުވަހު އާއިލާގެ 2 މެންބަރުން ފުރަން ހަމަޖެހިފައިވާއިރު މިވަގުތު ފައިސާގެ ދަތިކަމެއް ނެތް ކަމަށާއި މިހާރު އެންމެ ދަތި ވަނީ ނައުމާއަށް ލޭ ހޯދުމަށެވެ. އެގޮތުން ރާއްޖޭގައި ނަމަ އެއީ ހޯދުމަށް ފަސޭހަ ކަމެއް ނަމަވެސް އިންޑިޔާގައި ޖެހެނީ ބުލަޑް ބޭންކުން ނުވަތަ މީހުން ގާތު އާދޭސް ކޮށްގެން ލޭ ގަންނަށް ކަމަށް ނަދީމާ ބުންޏެވެ.

” ލޭ ހޯދުމަށް ވަރަށް ދަތި. ރާއްޖޭގައި ނަމަ ގޮވާލާއިރަށް ކޮންމެސް މީހަކު ދާނެ އެކަމަކު އިންޑިޔާގައި ޖެހެނީ ލޭ ގަންނަށް މީހުން ކައިރި އާދޭސް ކުރަން ނޫނީ ބުލަޑް ބޭންކުން.”

ނަދީމާ ބުނިގޮތުގައި މިހާރުން މިހާރަށް ނައުމާގެ ބޯން މެރޯ ހެދުމަށް ޑޮކްޓަރުން އަދި ނުބުނާ ކަމަށާއި ނަމަވެސް ބޯން މެރޯ ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަމަކަށް އާއިލާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އެކަންތައް މިހާރު ޑޮކްޓަރުން ގާތު އަހައިގެން ސާފު ކުރަމުންދާ ކަމަށާއި އެހާ އަގުބޮޑު އޮޕަރޭޝަނެއް އާސަންދައިން ކަވާ ނުކުރަންޔާ ފައިސާގެ ދަތިކަން ދިމާވާނެ ކަމަށް ނަދީމާ ކިޔައިދިނެވެ.

އަދި ނަދީމާ ބުނިގޮތުގައި އާއިލާގައި މިވަގުތު ދެވެން ތިބިި މީހުންގެ ޓެސްޓް ހެދުމަށްފަހު ނައުމާއާއި ދިމާނުވެއްޖެ ނަމަ އިތުރު މީހަކު އާއިލާއިން ހޯދަން ޖެހޭނެ ކަމަށެވެ.

” އާއިލާގައި ތިބި މީހުން މެޗް ވޭތޯ ޓެސްޓް ހަދަން ބުނެފި، ދެން އެތަނުން މީހަކާ މެޗް ނުވެއްޖާ އިތުރު މީހަކު ހޯދާނީ”

އޭގެ އިތުރުން ކުޑަ މުއްދަތެއްގައި ވަރަށް ގިނަ މީހުންގެ އެހީތެރިކަން ނައުމާއަށް ލިބުނީތީ އެކަމަށް ނަދީމާ ޝުކުރުއަދާކުރި އެވެ.

އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ނައުމާ ފަރުވާ ހޯދަމުންދާއިރު ގެންދިޔަ އިރަށްވުރެ ނައުމާގެ ހާލު ރަނގަޅު ކަމަށް ނަދީމާ ބުންޏެވެ.

ނައުމާއަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ނައުމާގެ ދައްތަ ނަދީމާ މުހައްމަދަށް 9908002 އަދި ނައުމާގެ ބޭބެ އަހުމަދު މުހައްމަދު 9742184 ގުޅުވައިގެން މައުލޫމާތު ހޯދެވުން އެދެމެވެ. އަދި އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތަކުން ލަތީފާ ހަސަން ބީއެމްއެލް ރުފިޔާ އެކައުންޓް 7706460644001 އަދި ޑޮލަރު އެކައުންޓް 7706219199001 އަހުމަދު މުހައްމަދު އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355