ށ.މިލަންދޫ ޕޮލިސް ސްޓޭޝަނާއި މިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެރަށުގެ ސްކުލޫގެ އަންހެން ބެލެނިންވެރިންނަށް ހާއްސަކޮށްގެން ކަސްރަތު ޕްރޮގުރާމެއް ފަށައިފިއެވެ.
އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި 57 ބެލެނިވެރިޔަކު ބައިވެރިވެފައިވެއެވެ.
އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ޅަހެޔޮ ސިއްހަތެއް ދިރިއުޅުމަށް ކަސްރަތުގެ މުހިއްމުކަމާއި އިޖުތިމާއީ ގުޅުމާއި ރައްޔިތުންނާއި ފުލުހުން ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ޕޮލިސް މީޑީޔާއިން މައުލޫމާތު ލިބެއެވެ.
އެގޮތުން މޫދު ކަސްރަތުތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ކިޔައިދިނުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ އާއި ކަސްރަތުގެ މުހިންމުކަމުގެ މުހިއްމުކަން ކިޔަދޭނެ ކަމަށެވެ.
އޭގެއިތުރުން ޕްރޮގްރާމުގެ ބައިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކަކާއި ދަރިން ރަނގަޅުގޮތުގައި ދަރުބިއްޔަތު ކުރާނެ ގޮތްތަކާއި ރުޅި ކޮންޓްރޯލް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި ކަމަށް ޕޮލިސް މައުލޫމާތު ލިބެއެވެ.
ކަސްރަތު ޕްރޮގްރާމް ފެށުމުގެ ގޮތުން މިލަންދޫ ކައުންސިލް އިދާރާގެ ހޯލުގައި ބެއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކަސްރަތު ޕްރޮގުރާމްގެ ލޯގޯ އިފްތިތާހް ކޮށްދެއްވީ މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު ހަސަން އާއި ށ.މިލަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ޕޮލިސް ސްޓާފް ސަރޖަންޓް މުހައްމަދު ހަލީމްއެވެ.