ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް އެއާޕޯޓް އަޅަން މެލޭޝިއާގެ ގްރިފަންއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކޮށް، ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓް ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން ސަރުކާރުން ނިންމައިފި އެވެ.
ކުޅުދުއްފުއްޓާއި ފުނަދޫއާއި ފ. ނިލަންދޫ އަދި ގދ. ފަރެސްމާތޮޑާގެ އިތުރުން ގދ. މާވަރުލު އެއާޕޯޓް އަޅަން ހަވާލުކުރި މެލޭޝިއާގެ ކުންފުނި އަތުން މަޝްރޫއު ނަގާފަ ވަނީ ފައިނޭންސް ހަމަޖެއްސިފައި ނުވާތީ ކަމަށެވެ.
މި އަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު ހަވާލުކުރި އެ އެއްބަަސްވުން ބާތިލުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގަ އެވެ.
“އަވަސް” އަށް ދިން އިންޓަވިއުއެއްގައި ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވެފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކުރި މި މަޝްރޫއުގެ ސޮވެރިން ގެރެންޓީ ސަރުކާރުން ދޭން ނިންމާފައި އޮތީ އެ ކުންފުންޏަށް ފައިނޭންސް ހަމަޖެހުމުން ކަމަށާއި ނަމަވެސް އެ ކުންފުންޏަށް ފައިނޭންސް ހަމަޖެއްސިފައިނުވާތީ އެއްބަސްވުން އުވާލީ ކަމަށެވެ.
އަދި ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ މަސައްކަތް ދެން ކުރާނީ ސަރުކާރުގެ ހަރަދުގައި ކަމަށާއި ދެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ސާމީ އަގީލް ވިދާޅުވެފައި ވެއެވެ.
ސާމީ އަގީލް އިތުރަށް ވިދާޅުވި ގޮތުގައި ނިލަންދޫ އާއި ފަރެސްމާތޮޑާ އަދި މާވަރުލު އެއާޕޯޓްގެ މަސައްކަތް އެހެން ކުންފުނިތަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު ވިދާޅުވެފައިވަނީ މިމަހު ފަހުކޮޅު މުޅިން އަލަށް ގެންނަ ކޮންނަ ބޯޓް “މަހާޖައްރާފު” ގެ މަސައްކަތަކީ ކުޅުދުއްފުށީ އެއާޕޯޓު އަޅަން ބިން ހިއްކުން ކަމަށާއި އެ މަޝްރޫއުން އެ ކުންފުންޏަށް 53.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.