ހދ އަތޮޅު ފުޓްބޯޅަ މުބާރާތް 2017 ގައި މިއަދު ހިރިމަރަދޫ 3-1 އިން ބަލިކޮށް ހަނިމާދޫއިން ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
މިއަދުގެ މެޗުގެ 6 ވަނަ މިނެޓްގައި ހަނިމާދޫއިން ލީޑު ނެގީ އެންމެ ފަހުގެ މިނިވަން ޗެމްޕިއަންޝިޕްގައި ޓީމް ކުޅުދުއްފުއްޓަށް ކުޅުނު ހުނަރުވެރި ވިންގާ އާސިއްޕެ އެވެ. މިއީ އާސިއްޕެ އަށް ހުރަސް ކޮށްލި ބޯޅައެއް މުޅިން ހުސްކޮށްހުރެ ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ހިރިމަރަދޫއިން ވަނީ ކުޅުން ރަގަޅުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ނަމަވެސް ހިރިމަރަދޫއިން ނަތީޖާ ހަމަހަމަ ކުރިތާ ކުޑައިރުކޮޅެއް ތެރޭ ހަނިމާދޫއިން އަނެއްކާވެސް ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފަ އެވެ. މިއީ ޓީމުގެ ކެޕްޓަން އިބްރާހިމް ހަލީލް (ހައްލަ) ކާމިޔާބުކޮށްދިން ލަނޑެކެވެ.
ފުރަތަމަ ހާފު 2-1 އިން ނިމިގެންދިޔައިރު ދެވަނަ ހާފު ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.
ހަނިމާދޫއިން ވަނީ މެޗު ނިމެން 2 މިނެޓަށްވެފައި ވަނިކޮށް އުފެއްދި ހަމަލާއަކުން ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލާފަ އެވެ. މިއީ ހިލޭ ޖެހުމަކުން އުފެއްދި ހަމަލާއަކުން ހަނިމާދޫ ޓީމުގެ މުހައްމަދު (އެއްޓިބެ) ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަނިމާދޫ ޓީމުގެ ކެޕްޓަން ޖާޒީ ނަންބަރު 4 އިބްރާހިމް ހަލީލް (ހައްލަ) އެވެ.
މި ނަތީޖާއާ އެކު ހަނިމާދޫ އޮތީ ދެ މެޗުން 4 ޕޮއިންޓާއެކު ގުރޫޕް އޭ ގެ އެއްވަނާގަ އެވެ. ނައިވާދޫ 1 ޕޮއިންޓާއެކު އޮތްއިރު ހިރިމަރަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގުރޫޕްގެ ފަހު މެޗުގައި ބައްދަލު ކުރާނީ ހިރިމަރަދޫ އަދި ނައިވާދޫ އެވެ.
މިއަދު މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް އަދި ނޮޅިވަރަމްފަރެވެ. މެޗު ފެށޭނީ 15:50 ގަ އެވެ.