ދިގުމުއްދަތަކަށް ވިސްނާނަމަ ކުޅި ހިއްކުމުގެ ބަދަލުގައި ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން އެންމެ ރަނގަޅީ އިރުމަތި ފަރާތުގައި ކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި އާތިފް ވިދާޅުވީ ވިސްނޭގޮތުގައި އިރުމަތިފަރާތުން އެއާޕޯޓު އަޅާނެހާ ޖާގަ ލިބޭނެ ކަމަށާއި ދުރު މުސްތަގުބަލަކަށް ވިސްނާނަމަ އެންމެ ރަނގަޅު ގޮތަކީވެސް އެއީ ކަމަށެވެ.
” އަޅުގަނޑަށް ރަނގަޅު ކުޅި ހިއްކާނުލައި އިރުމަތި ފަރާތުގައި އެޅުނިއްޔާ، އެހެންނަމަވެސް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަކަށް ވާތީ އަޅުގަނޑުވެސް ދެކޮޅު ހަދާކަށް ނެތިން ކުޅި ހިއްކައިގެން އެކަން ކުރާކަށް” އާތިފް ވިދާޅުވި އެވެ.
މީގެ އިތުރުން އާތިފް ވިދާޅުވީ ކުރިއަށް ވިސްނާނަމަ އިރުމަތީ ފަރާތުގައި އެއާޕޯޓު އެޅުމުން އެސަރަހައްދުގެ ގޮނޑުދޮށްވެސް ހިމާޔަތް ކުރެވޭނެ ކަމަށާއި އަދި ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ރަށަަކަށްވެސް ވެފަ ކުރިއަށް އޮތްތަނުގައި ފްލެޓް އެޅުމަށްވެސް ކުޅި ސަރަހައްދު ބޭނުން ކުރެވިދާނެ ކަމަށެވެ.
އެހެންނަމަވެސް ރީޖަނަލް އެއާޕޯޓްގެ ބޭފުޅުން އެސަރަހައްދު ބެލުމަށްފަހު އިރުމަތި ފަރާތުގައި އެއާޕޯޓް ނޭޅޭނެކަމަށް ވިދާޅުވެފައިވާ ކަމަށާއި މީގެ ކުރިންވެސް އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ހުރި ޝަކުވާތައް އެކި ބައްދަލުވުން ތަކުގައި ކަމާއި ބެހޭ ފަރާތްތަކާވެސް ހިއްސާކޮށްފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
އެގޮތުން ކުޅުދުއްފުށީގައި އީއައިއޭ ހަދައި ރައްޔިތުންނަށް މައުލޫމާތު ދޭން ވަޑައިގެންނެވި ބޭފުޅުންނާއި ބައްދަލުކޮށް އެބޭފުޅުންނާއެކުވެސް އިރުމަތީ ފަރާތުގައި އެއާޕޯޓް އެޅުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެގޮތަށް ނުވާނަމަ ދެވަނަ އޮޕްޝަނެއްގެ ގޮތުން ކުޅީގައި އެއާޕޯޓް އަޅާނަމަ ކުޅިއަށް ބޮޑަށް ނާރުވާ ވީހާވެސް އުތުރު ފަރާތުން މޫދަށް ބޮޑުވާގޮތަށް އެއާޕޯޓް އެޅުމަށް ވާހަކަ ދެކެވުނުކަމަށް އާތިފް ވިދާޅުވި އެވެ
އާތިފް ވިދާޅުވީ މިއީ ރައްޔިތުން ނުހަނު ބޭނުންވާ ކަމަކަށްވާތީ ކުޅި ހިއްކައިގެން އެއާޕޯޓު އަޅާނަމަވެސް އެކަމަށްޓަކާ ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ