ގާތްގަނޑަކަށްހެން ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންވެސް އެއާޕޯޓް އަޅަން ތާއިދުކުރާ ކަމަށާއި ހިޔާލު ތަފާތުވެގެން އުޅެނީ އެއާޕޯޓް ހަދާނެ ތަނަކާމެދުކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅި ހިމާޔަތްކުރަން ބައެއް ފަރާތްތަކުން ގޮވާލަމުންދާ ވަގުތެއްގައި އަބުދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކު އެއާޕޯޓް ހެދުމާ ދެކޮޅު ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ 90 އިންސަތަށް ރައްޔިތުން ބޭނުންވަނީ އެއާޕޯޓް އެޅެން އޮތްތާކު އެޅުމަށެވެ.
ލަތީފް މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި މަށިކުޅިއަށް އިޝާރާތްކުރައްވައި ވިދާޅުވެފައިވަނީ ގިނަ ރައްޔިތުން އެދޭގޮތަށް ކައުންސިލުންވެސް އެންމެ ބޭރުންވަނީ އެއާޕޯޓް ފުއްޓަރު ފަރާތުގައި އަޅަން ކަމަށާއި ނަމަވެސް އެސަރަހައްދުގައި ޖާގައިގެ ދަތިކަން ހުރުމުން، ކުޅުދުއްފުށީގައި އެއާޕޯޓް އެޅެން އަންނަނީ ބޮޑު އެސެޓެއް ޤުރުބާންކޮށްގެން ކަމަށެވެ. ދިވެހިރާއްޖޭގެ ކަންތައްތައް މިހާރު ބަދަލުވަމުންދާ ގޮތްތަށް ބަލާއިރު ކުޅުދުއްފުށީ ޒަމާނީ ތަރައްގީއަށް ބޭނުންވެފައިވާ ކަމަށާއި އެކަން ވާން އޮތީ އެއާޕޯޓެއް ގާއިމުކުރެވިގެން ކަމަށެވެ.